އޮލިމްޕަސް މަރާމާތުކޮށް ހުޅުވަން ލަސްވަމުން ދާތީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަރާމާތް ކުރުމުގެ މަސައްކަތް ލަސްވަމުން އަންނާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް އިބްރާހިމް ރަޝީދު މޫސާ (ބުރޯ) އިސްވެ ވަނީ ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އިއްޔެ ޕެޓިޝަނުގައި ސޮއި ކުރަން ފަށާފައިވާއިރު މިހާރު ވަނީ ގިނަ އަދަދެއް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

އިބްރާހިމް ރަޝީދު (ބުރޯ) އަދި ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު

އޮލިމްޕަސް ހުޅުވަން ލަސްވާތީ އެކަމާ ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަންނަ އޮގަސްޓް މަހު ބާއްވާ އެމްއެފްއޭގެ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބުރޯ) ވިދާޅުވީ އޮލިމްޕަސް ނުހުޅުވި ލަސްވާ ކޮންމެ ދުވަހަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބޭ ނިކަމެތި ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ ޖުލައި 26އަށް އޮލިމްޕަސް ހުޅުވުމަށް ވައުދުވެފައިވާ ކަމަށްވެސް ބުރޯ ވިދާޅުވި އެވެ. އެހެން ނަމަވެސް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މައުލޫމާތުދޭ ގޮތުގައި އޮލިމްޕަސް މިނިވަން ދުވަހަށް ނުހުޅުވާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"އޮލިމްޕަސް މަރާމާތު ކުރުމުގެ ތެރެއިން މިހާރު ކުލަ ލާފައިވަނީ. އެހެންނަމަވެސް ދެން ކުރެވުނު ކަމެއް އަދި ނޭނގޭ. އޮލިމްޕަސް އަކީ ފިލްމީ ފަންނާނުންނަށް އާމްދަނީ ލިބޭ މައި ދޮރު އަށި. މިތަން ބަންދުކޮށްފައި ހުރުމުން ފިލްމީ ފަންނާނުންގެ ވަރަ ބިދި، ފައި ބިދި ފައި މިވަނީ،" ބުރޯ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދުކުރި ގޮތަށް އެތަން އަލުން ނުހުޅުވަ އެވެ.

ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވަ ލަސްވާތީ، ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ވަރަށް ބޮޑެވެ.

އޮލިމްޕަސް ބަލަހައްޓަނީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ.

މީގެ އިތުރުން އިބްރާހިމް ރަޝީދު ބުރޯ ވިދާޅުވީ އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމަށް އޭނާ ކުރިމަތިލީ ފިލްމީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި ކަމަށެވެ. އަދި ދިވެހި ފިލްމީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޗެއާޕާސަންގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އެމްއެފްއޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ނަންތައް ވަނީ ތަރުތީބުކޮށް އާންމުކޮށްފަ އެވެ. އަދި މިއިންތިހާބުގައި ވޯޓުލުމުގެ ސަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާފައިވަނީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އަދި ޝިވާޒް (މާސްކޭ) އެވެ.