މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ ބޯޑަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މާދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

މީގެ ކުރިން އެމްއެފްއޭގެ ބޯޑަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އިންތިހާބުގެ ވޯޓުލުން މާދަމާ ރެ އަށް މިހާރު ވަނީ އަވަސްކޮށްފަ އެވެ.

އެމްއެފްއޭއިން ވަނީ އަލަށް އިންތިހާބު ކުރާ މެމްބަރު ހޮވުމަށް ބާއްވާ އިންތުހާބުގެ ވޯޓުލުން ކުރިއަށް ގެންދާނެ ގޮތުގެ އެޖެންޑާއެއް އާންމުކޮށްފަ އެވެ. އެގޮތުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް މާދަމާ ރޭ 20:00 އިން 21:00 އަށް ސޯސަލް ސެންޓަރުގައި ކުރިއަށްދާނެ އެވެ. އަދި ވޯޓުލުންވެސް އޮންނާނީ ސޯސަލް ސެންޓަރުގައި ކަމަށް އެމްއެފްއޭއިން ބުނެ އެވެ.

ވޯޓުލުމަށް ރަޖިސްޓްރީވެފައި ތިބި އެންމެހާ މެންބަރުން ވޯޓުލާ ނިމުމުން، ވޯޓުގުނާ ނަތީޖާ އިއުލާނުކުރުމަށް ހަމަޖައްސާފައިވަނީ 22:00 ގަ އެވެ.

2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޖުމްލަ ހަތް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ޗެއާޕާސަންގެ މަގާމާއި ވައިސް ޗެއާޕާސަންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޒަރާ އަދި އިތުރު ތިން މެންބަރުންނެވެ.

އެމްއެފްއޭއިން އާންމުކޮށްފައިވާ އެޖެންޑާ

ޗެއާޕާސަން ކަމަށް ކުރިމަތިލީ އިބްރާހިމް ރަޝީދު މޫސާ (ބްރޯ) އާއި ޝިވާޒް އަބްދުﷲ (މާސްކޭ") އެވެ. ޗެއާޕާސަންއަށް ވާދަކުރާ ބްރޯއަކީ ފިލްމީ ދާއިރާގައި 1985 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދެގޮތެއް ނުވެ މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.

ވައިސް ޗެއާޕާސަން ކަމަށް ފިލްމީ ތަރި އާމިރާ އިސްމާއީލް އާއި އަބްދުﷲ މުއާޒު (މުއާ) އެވެ. އެންމެ ފަހު ވަގުތު މުއާ ނަން ނެގުމުން އާމިރާއަށް ވަނީ ވޯޓަކާއި ނުލައި ވައި ޗެއާޕާސަންގެ މަގާމު ކަށަވަރުވެފަ އެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުހައްމަދު ރިފްޝާން އާއި މުހައްމަދު މަނިކެވެ. ޓްރެޒަރާގެ މަގާމަށް އަބްދުﷲ މާހިރާއި ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

ބޯޑް މެންބަރުގެ ތިން މަގާމަށް ފަސް މީހަކު ކުރިމަތިލާފައިވެއެވެ. އެއީ އަމްޖަދު އިބްރާހިމް (އަމްޖޭ) އާއި އަހުމަދު ޝާހް އަލީ އާއި އަލީ ޝާހިދު އާއި މުހައްމަދު ފައިސަލް އަދި އިބްރާހިމް ރިޔާޒެވެ.