މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންއަކަށް ކެމެރާމަން ޝިވާޒް އަބްްދުﷲ (މާސްކޭ) އާއި ނައިބަކަށް ބަތަލާ އާމިރާ އިސްމާއީލް އިންތިހާބުކޮށްފި އެވެ.

ރޭ ސޯސަލް ސެންޓަރުގައި އެންއެފްއޭގެ އިންތިހާބުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއިންތިހާބުގައި 91 މެންބަރުން ވަނީ ވޯޓުލާފަ އެވެ.

އެމްއެފްއޭގެ ޗެއާމަންގެ މަގާމަށް މާސްކޭ އާއި ވާދަކުރެއްވީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އެވެ. މާސްކޭ އަށް 47 ވޯޓު ލިބިގެންދިޔައިރު ބުރޯ އަށް ލިބިގެން ގޮސްފައިވަނީ 41 ވޯޓެވެ. އެމްއެފްއޭގެ ކުރީގެ ބޯޑްގެ ޗެއާމަން އަކީ ވެސް މާސްކޭ އެވެ.

ވައިސް ޗެއާއަކަށް ވޯޓަކާ ނުލައި އާމިރާ އިސްމާއީލަށް އިންތިހާބުވެފައިވަނީ އެ މަގާމަށް ކުރިމަތިލި އަނެއް ކެންޑިޑޭޓް ނަން އަނބުރާ ގެންދިއުމުންނެވެ.

2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އެމްއެފްއޭ ބޯޑަށް ޗެއާމަނާއި ވައިސް ޗެއާމަންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޒަރާ އަދި އިތުރު ތިން މެންބަރުންވެސް ރޭ ވަނީ އިންތިހާބު ކޮށްފަ އެވެ.

އެގޮތުން އެމްއެފްއޭގެ ޖެނެރަލް ސެކްރެޓަރީއަށް އިންތިހާބުވެފައިވަނީ މުހައްމަދު މަނިކު (52) އެވެ. ޓްރެޒަރާ އަށް އިންތިހާބުވެފައިވަނީ ޖާދުﷲ އިސްމާއީލް (66) އެވެ.

މީގެ އިތުރުން އެމްއެފްއޭގެ ބޯޑަށް ހޮވާ ތިން މެންބަރުނަށް އިންތިހާބުވެފައިވަނީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (70) އާއި އެކްޓަރު އަހްމަދު ޝާހް (72) އާއި އިބްރާހިމް ރިޔާޒް (51) އެވެ.

އެމްއެެފްއޭގެ އަލަށް އިންތިހާބު ކުރި ބޯޑުގެ މެންބަރުން

އެމްއެފްއޭގެ އިންތިހާބު މި ފަހަރު ކުރިއަށް ގެންގޮސްފައިވަނީ އިންތިހާބު ބޭއްވުމަށް ހާއްސަކޮށްގެން އެކުލަވާލި އިންތިގާލީ ބޯޑަކުންނެވެ. ބޯޑްގެ ޗެއާޕާސަން އަކީ މުހައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަން އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަހުމަދު ސައީދު އެވެ.