އާސަންދައިގެ ހިދުމަތްތައް ދޭނެ އަށް ކައުންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހުޅުވައިފި އެވެ.

މި އާ ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ އިތުރު އަށް ރަށެއްގެ ރައްޔިތުންނަށް، މާލެ ނުވަތަ އެހެން ސަރަހައްދަކަށް ދަތުރުކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން އާސަންދައިގެ މުވައްޒަފުންގެ އެހީތެރިކަން ސީދާ ހޯދުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ. މިއީ ސިއްހީ އެހީއަށް އެދުމުގެ މަރުހަލާތަކާއި އިދާރީ އެކި ކަންކަން ފުރިހަމަކުރުމުގައި އާންމުން އުފުލަންޖެހޭ ބުރައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މިއަދު އަލަށް މި ހިދުމަތް ތައާރަފުކޮށްފައި ވަނީ ރަށު ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި މުހިންމު ރަށްތަކެއްގަ އެވެ. އެގޮތުން ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީގައި ވަނީ މި ކައުންޓަރުތައް ގާއިމުކޮށްފަ އެވެ.

މީގެ ކުރިން އާސަންދައިގެ ހިދުމަތްތައް ސީދާ ކައުންޓަރުން ލިބެން ހުރީ ހަމައެކަނި މާލެ، ހުޅުމާލެ، ފ. ނިލަންދޫގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ.

މި ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމާއެކު ރަށްރަށުގެ ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަމުގައި މައުލޫމާތު ސާފުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.