އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ބާއްވާ ޖަލްސާ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
މިޖަލްސާއަށް ދީފައިވާ ނަމަކީ "ހަވާލޭ ވަޠަން" މި ނަމެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރަައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޖަލްސާ އޮންނާނީ ކާނިވާ ސްޓޭޖް ސަރަހައްދުގައި ކަމަށާއި ޖަލްސާއަށް އަންނަން ބޭނުންވާ އަތޮޅުތެރޭގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިހާތަނަށް ޕީޕީއެމުން ބާއްވާ އެންމެ ކުގަދަލަ އަދި އެންމެ ބޮޑު ޖަލްސާގެ ގޮތުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވީ، ދިވެހިން މިހާރު ބޭނުން ވަނީ ރައްޔިތުން ތިބި ނިކަމެތި ހާލަތުން އަރައިގަތުމަށް އެކަން ތަޖުރިބާ ކޮށްފައި ހުރި އަދި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްދެއްވާ، ކުރިމަގު އޮތްކަން ހިތްތަކަށް ޔަގީންކަން ކޮށްދެއްވި ވެރިއަކު އަނެއްކާ ވެސް މިގައުމުގެ ވެރިކަމަށް ގެނައުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލްވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ. އެ ރޭގެ ބައްދަލްވުމުގައި އެ ނިންމުން ގަބޫލުކުރައްވާކަން ރަައީސް ޔާމީން ވަނީ ހާމަކޮށްފަ އެވެ.