މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ފަންޑު މެދުވެރިކޮށް ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް 23,000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް ދިއުމުގެ ފުރުސަތު މިހާރު ޖުމްލަ 23,172 މީހަކަށް އެބައޮތެވެ. މީގެ ތެރޭގައި ހިމެނެނީ 15,781 ފިރިހެނުންނާއި 7,391 އަންހެނުންނެވެ. މިހާތަނަށް މި ފަންޑުގެ އެހީގައި 274 މީހަކު ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
ހައްޖަށް ދިއުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން އެންމެ ގިނައީ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރައިގެ 9,472 މީހަކު ޝަރުތު ހަމަވާއިރު، 65 އަހަރުން މަތީގެ 5,480 މީހަކު ލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން 35 އަހަރާއި 45 އަހަރާ ދެމެދުގެ 7,881 މީހަކާއި، 25 އަހަރާއި 35 އަހަރާ ދެމެދުގެ 339 މީހަކު ޝަރުތު ހަމަވާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެނީ ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންގެ ތެރެއިން، އެމީހެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުރި ފަރާތްތަކަށެވެ. 2019 ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު، ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ %80 ޕެންޝަން ފަންޑުން ހަމަޖައްސައިދެއެވެ. ބާކީ 20% ދައްކަންޖެހޭނީ އަމިއްލައަށެވެ.
މި އިންތިޒާމުގެ ދަށުން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން، ސަރުކާރުން ކަނޑައަޅާފައިވާ ހައްޖު ކޯޕަރޭޝަނަށް %20 ފައިސާ ދެއްކުމުން، ހައްޖު ކިޔުއިން ޖާގަ ރިޒާވްކުރެވޭނެއެވެ. ނަމަވެސް، ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްފައިވާނަމަ، ހައްޖަށް ފައިސާ ދޫކުރާނީ އެ ފައިސާ އުނިކުރުމަށްފަހު ބާކީ ހުރި މިންވަރަށް ބަލާފަ އެވެ.
ޕެންޝަން އޮފީހުން މިހާރު އަންނަނީ މިކަމާ ގުޅޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ އޮފީހުން ލަފާކުރާގޮތުގައި އަންނަ މަހުގެ ނިޔަލަށް މި ޤަވާއިދުތައް އެކުލަވާލައި ނިންމޭނެއެވެ. އަދި ޕެންޝަން ފަންޑުން ފައިސާ ނެގުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ، 30 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަންޖެހޭނެ ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
މިސްރަށް ހަމަލާ ދިނީ އިޒްރޭލުން ކަމަށް އީރާނުން ބުނެފި
ޓޮލީވުޑްގެ އެކްޓަރުންނަށް އަނިޔާވާ މިންވަރު އިތުރުވަނީ!
ސަމާލުކަން ނުދެވޭ ސިއްހީ ނުރައްކަލެއްގެ އިންޒާރު ދީފި