ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އާއި އިތުރު އަންހެނެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ މަސްތުވާތަކެތި ހުރި ދަބަސް ފެނުނުއިރު، އެ ދަބަސް ހުރީ ތަޅުނުލާ ކަމަށާއި، އެހެންކަމުން އެދަބަހަށް އެހެން މީހުނަށް ވެސް ވާސިލުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި އެދަބަސް ފުލުހުން ނެގީ ބަނދަރުމަތީގައި ހުއްޓާކަމަށް ހެކިވެރިން ބުނުމާއި، އެދަބަސް މަލް އާއި، އެކަމުގައި ދެން ދައުވާކޮށްފައިވާ މީހާ ގެންގުޅެނިކޮށް ވެސް ފެނިފައިނުވާތީ، އެދެމީހުނާއި އެ މަސްތުވާތި ގުޅުވާލެވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.

އެހެންކަމުން، ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ މަލް ހިމެނޭހެން އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ މީހާގެ މައްޗަށްވެސަ ކުށް ސާބިތުނުވާ ކަމަށެވެ.

އެ ދައުވާ ސާބިތުވި ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު އެއް ލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މަލް އާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެ ދެ މީހުން އދ. މާމިގގިއްޔަށް ދިޔަ ލޯންޗަކުން އެ ރަށަށް ގޮސް، އެ ރަށުގެ އުތުރު ބަނދަރު ސަރަހައްދުގައި ތިއްބައި ފުލުހުން އެތަނަށް ގޮސް، ދެ މީހުންގެ އަންނައުނު ހުރި ދަބަހެއްގެ ތެރެއިން ފެނުނު ސިނގިރޭޓު ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި 15.79 ގްރާމްގެ ޑައިމޯފިން ފެނުމުންނެވެ.

މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

އެމައްސަލާގައި އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު ކޯޓުގެ އަމުރަށް ފަހުން ދޫކޮށްލީ އެވެ.