(ޑިސެންބަރު 4) - އެމެރިކާގައި އިއްޔެއަކީ އަދި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް އަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި 195،695 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ. އަދި މީގެ އިތުރުން ނޮވެމްބަރު މަހުން ފެށިގެން ކޮވިޑް ޖެހިގެން އެނދުމަތި ކުރެވުނު މީހުންގެ އަދަދު 100،000 އަށް ވުރެމަތިވެ، މީގެ ކުރިން ނުދާހާ މިންވަރަށް ވަނީ މައްޗަށް ގޮސްފަ އެވެ.

އެމެރިކާގައި ކޮވިޑްއަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އުޅެނީ 14 މިލިއަނަށްވުރެ މަތީގަ އެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 246،000 ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

ޕޮޒިޓިވްވާ ކޭސްތައް ގިނަވެގެންދާ މިންވަރުން އެމެރިކާގެ ސިއްހީ ހިދުމަތްދޭ އިދާރާތަކަށް ނުހަނު ބާރުބޮޑުވެގެން ދާނެކަމަށް ލަފާކޮށް އޮފިޝަލުން ވަނީ އިންޒާރު ވެސް ދީފަ އެވެ.

ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑައިރެކްޓަރު ރޮބާޓް ރެޑްފީލްޑް ވިދާޅުވީ ޑިސެމްބަރ، ޖެނުއަރީ އަދި ފެބްރުއަރީ މަސް ވެގެންދާނީ އެމެރިކާގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުނދަގޫ މަސްތަކެއް ކަމަށެވެ.

އެމެރިކާގެ އެންމެ މީހުން ގިނަ ސްޓޭޓްތައް ކަމަށްވާ ކެލިފޯނިއާ، ޓެކްސަސް، އަދި ފްލޮރިޑާ އަކީ ޕޮޒިޓިވް ކޭސްތައް އެންމެ ގިނަ ސްޓޭޓްތަކެވެ. މި ސްޓޭޓާތަކުން މިހާރު ވެސް މިލިއަނަކަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެ އެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި ކުރިއަށް ދުވަސްތަކުގައި ޕޮޒިޓިވްވާ މީހުން ގިނަވެގެންދާނެ އެވެ. ސަބަބަކީ މިދުވަސްވަރަކީ ހުރިހާ އެންމެންވެސް އެމީހުންގެ އާއިލާތަށް ކައިރިއަށް ޗުއްޓީއަށް ދާ ދުވަސްވަރަކަށް ވުމުންނެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުން ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ ގައިޑްލައިން ތަކަށް ބޯލަނބައި ގިނަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމާއި، މާސްކް އަޅައިގެން އުޅުމާއި އަދި ގައިދުރުކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ގިނަ ބަޔަކު މި އިލްތިމާސްތަކަށް ބޯނުލަނބަ އެވެ. ބީބީސީ