އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް މިރޭ އަރުވައިފި އެވެ.

އެ މަނިކުފާނަށް އެ ޓިކެޓް ހަވާލުކުރަން "ހަވާލޭ ވަތަން" ގެ ނަމުގައި އެ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ބިޔަ ޖަލްސާގައި ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އެވެ.

އެ ޓިކެޓް ހަވާލުކޮށް ދެއްވުމަށް ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، ރައީސް ޔާމީނާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް ހަވާއަބްދުއްރަހީމާ އެވެ.

އެތައް ހާސް މީހުން ބައިވެރިވި އެ ޖަލްސާގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ. "ހަވާލޭ ވަތަން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އޮތް އެ ޖަލްސާއަށް ޔާމީން ވަޑައިގެން އިރު ވެސް، މުޅި ތަން އޮތީ ފުރިބާރުވެފަ އެވެ. ގޮނޑިތައް ފުރި، ގިނަ ބަޔަކު ކޮޅަށް ވެސް ތިއްބެވެ. ފިޔާތޮށި ކުލައިން ޖަރީވެފައި ތިބި ދެ ޖިންސުގެ މީހުން، ޔާމީންގެ ކޮންމެ އިޝާރާތަކަށް ތަރުހީބު ދީ، އަޑުގަދަކޮށް ހެދި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް ޔާމީނަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ އެންމެ އުފަލާއެކު ވެރިކަމުގެ ޒިންމާ އަދާކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި ރައީސް ކަމުގެ މަގާމަށް އަލުން ނުކުމެވަޑައިގަންނަވަން ނިންމެވީ، ގައުމުގެ ހާލަތު އެކަމަށް ގޮވާލާތީ، މަޖުބޫރުވެވަޑައިގެން ކަމަށެވެ.

ސްޓޭޖު މައްޗަށް އަރާވަޑައިގަތުމަށް ފަހު ޔާމީން ވާހަކަ ފެއްޓެވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައިވާ، ވެރިކަމުގެ ނިޒާމުގެ ބަހުސްއާ ގުޅޭގޮތުންނެވެ. އެކަމަކު މާގިނަ އިރެއް ނުވެ، ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމުގެ މައުލޫއުއަށް ވާހަކަ އަނބުރާލެއްވި އެވެ.

"ފުންމާލަން މި ޖެހެނީ ކިހާ ފުނަކަށް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު ފަތަން ޖެހޭނީ ކަނޑުގެ އޮއެވަރާ ދެކޮޅަށްކަން އެނގޭ. ގައުމު ސަލާމަތް ކުރަންޏާ މި ޖެހެނީ އިންޑިއާ ކަނޑުގައި ފަތަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ފުންމާލަން މި ޖެހެނީ ކިހާ ފުނަކަށް ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު ފަތަން ޖެހޭނީ ކަނޑުގެ އޮއެވަރާ ދެކޮޅަށްކަން އެނގޭ. ގައުމު ސަލާމަތް ކުރަންޏާ މި ޖެހެނީ އިންޑިއާ ކަނޑުގައި ފަތަން،
ޔާމީން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިހާރު މިއޮތީ ހުރިހާ ގޮތަކުން ވެސް ނާޒުކު ފައްތަރެއްގަ އެވެ. ދަރަނީގެ ބޮޑުމިނެއް ނޭނގެ އެވެ. ދައުލަތުން ވެފައިވާ އެގްރީމެންޓުތަކުން ނުކުތުމަށް އުފުލަން ޖެހެނީ ކިހާ ވަރެއްގެ ތަކުލީފެއް ކަމެއް ނޭނގެ އެވެ. ގައުމުގެ ހަރު މުދާ އެކަމަށް ރަހުނުކޮށްފައި ހުރި އިރު އެ އަނބުރާ ހޯދާނީ ކިހާ މުއްދަތެއްގައި ކޮން ގޮތަކަށް ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސިޔާސީ އަދި މާލީ މިނިވަންކަން ނެތި، ގައުމު އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފަ އެވެ. އިޖްތިމާއީ ފޭރާން ވީދިފައި އޮތް އިރު، ދީނީ ގޮތުން ވެސް ރާއްޖެ އޮތީ މި ފަހުން ނުދެކޭ ވަރަށް ދަށުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް ޔާމީނަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން ވެރިކަމުގެ މަސްއޫލިއްޔަތު އުފުލާކަށް އެ މަނިކުފާނު އެހާ ބޭނުންވެވަޑައެއް ނުގަންނަވަ އެވެ. އަދި އެކަމަށް އެ މަނިކުފާނުގެ އާއިލާއިން ވެސް ފުރިހަމައަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ވެރިކަމަށް ކުރިމަތިލެއްވީ، "ރާއްޖެ އޮތް ހިސާބުން ގައުމީ ކޯލަކަށް" ވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވަރަށް ހެޔޮފުޅު. ވަރަށް އިހްތިރާމާއެކު ޝުކުރު ދަންނަވަން. އެހެން ނަމަވެސް، ތި ހަވާލުކުރެއްވި ވަރުގަދަ މަސްއޫލިއްޔަތު އަދި އަމާނާތް، މިއީ އެންމެ އުފުލަން ބޭނުންވާ މަސްއޫލިއްޔަކަށް ނުވި ނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރު ވެއްޖެ،" ޔާމީން ވިދާޅުވި އެވެ.

"މި ޒިންމާ މިހާރު އަޅުގަނޑަކަށް ނެތް ދޫކޮށްލެވޭކަށް." އެހެން ވިދާޅުވުމާ އެކު، ޖަލްސާގައި ތިބި މީހުންގެ އަތްތިލަބަޑި އާއި ހަޅޭކުން މުޅި ތަން ގުގުމާލި އެވެ.

ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަވަން ނިންމެވީ އޭގެ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރުގެ ފަރާތްތަކާ އެކު ހަދާފައި ހުރި އެއްބަސްވުންތައް ހުރިގޮތް ވެސް ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް ޔާމީނަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޓިކެޓާ އެ މަނިކުފާނު ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

"ދަރަނީގެ ފުންމިނެއް ނޭނގެ. ކޮށްފައި ހުރި އެގްރިމެންޓްތަކުން ސަލާމަތްވުމަށްޓަކައި ކިހާވަރެއްގެ ތަކުލީފެއް އުފުލަންޖެހޭނެ ކަމެއް އަޅުގަނޑުމެންނަކަށް އަދި ނޭނގެ." ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހަރުމުދާތަކާއި ވަސީލަތްތައް ކޮމްޕްރޮމައިޒްވާ ގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ބާތިލް ކުރަންޖެހޭ، ފޮހެލަން އެބަޖެހޭ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވެރިކަން ހިންގާ ޑިމޮކްރަޓިކް ނިޒާމުގައި މައްސަލައެއް ނެތެވެ. އަދި ހުރިހާ ވެސް މައްސަލައަކީ ދައުލަތުގެ ބާރުތައް ބެލެންސްކޮށްގެން ވެރިކަން ކުރުމުގެ ގާބިލްކަން ވެރިކަމާ ހަވާލުވެފައި ތިބި ބޭފުޅުންގެ އުރައްޕެއް ނެތުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ނިޒާމާ ހަވާލުވެ ތިބި މީހުން ގާނޫނު އަސާސީގައި ބުނާ ވަކިކަމާ އެކީގައި މިނިވަންކަމާ އެކީގައި ޗެކް އެންޑް ބެލެންސް ހިފަހައްޓައިގެން އެންމެ ފަހު މަރުހަލާގައި މިކަންކަން ތަންފީޒު ކޮށްދޭން މި ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އެވަރުގެ އުރައްޕެއް ނެތުން. އެވަރުގެ ކެރުމެއް ނެތުން،" ޔާމީން ވިދާޅުވި އެވެ.

ނިޒާމާ ހަވާލުވެ ތިބި މީހުން ގާނޫނު އަސާސީގައި ބުނާ ވަކިކަމާ އެކީގައި މިނިވަންކަމާ އެކީގައި ޗެކް އެންޑް ބެލެންސް ހިފަހައްޓައިގެން އެންމެ ފަހު މަރުހަލާގައި މިކަންކަން ތަންފީޒު ކޮށްދޭން މި ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އެވަރުގެ އުރައްޕެއް ނެތުން. އެވަރުގެ ކެރުމެއް ނެތުން،
ޔާމީން

ޔާމީން އެގޮތަށް ވިދާޅުވިއިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް މިހާރު ވަނީ ބޮޑުވެފަ އެވެ. މިކަމުގައި އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ.

އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަށް ފާޑު ވިދާޅުވިޔަސް، ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ކަނޑާނުލާނެ ކަމަށެވެ. އެކަމަކު އެއްވެސް ގައުމަކަށް އެކަނި ބަރޯސާވުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށާއި އަދި އިސްލާމީ ގައުމުތަކާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަންޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ގައުމުތަކާ ގުޅުން ބާއްވާނީ އިސްލާމީ އުސޫލުތަކުން ބޭރު ނުވާނެ ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވަކި ބައެއްގެ ޑިމޮކްރަސީ ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް. ވަކި ބައެއްގެ ލިބަރެޓޭރިއަން ވެލިއުސް ނުވަތަ ލިބަރަލް އޯޑާސް ދިވެހިރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ބުނާއިރު އެއީ އިސްލާމީ މަންހަޖުގެ ތެރެއިން ބޭރުވާ ކަމަށް ވަންޏާ އެޔެއް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ. އެކަންކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނަން ޖެހޭނެ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް އަންނަން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދިޔަސް، ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެއްވެސް ބަޔަކަށް ނުލިބޭނެ އެވެ. އަދި މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިން އަދިވެސް ތިބީ އަމިއްލަ ފައިދާއަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްވެގެންތޯ ހުރިހާ ލީޑަރުން ގެގްވެފައި މި ތިބީ. އަނގަމަތީގައި މަލަން އަޅާފައި މި ތިބީ. އަޅުގަނޑުމެން އެބަޖެހޭ މިހާ ހިސާބަށް އައި ބަލާލަން." ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާއަކީ ފަހުގެ ތާރީހުގައި ޕީޕީއެމުން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާ އެވެ. ޕްރައިމަރީއަކާ ނުލައި، ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުގެ އިއްތިފާގުންނެވެ.