މަރުވެފައިވާ ބަތަލާ، ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ އަންހެން ދަރިން ކަމަށްވާ ހުޝީ ކަޕޫރާއި ޖާންވީ ކަޕޫރު އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެމީހުން އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވަރަށް ސިރުކޮށްގެން އުޅުމަށެވެ. އެހެން ނަމަވެސް މީޑިއާތަކުން އަބަދުވެސް އެ ދެ ފަންނާނުގެ ވާހަކަތައް ހެޑްލައިންނަށް އަރައިގެންދެ އެވެ.
މީގެ އިތުރުން ޖާންވީ އާއި ހުޝީއާ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ބެލުމަށް ޝައުގުވެރިވާ ގިނަ ބަޔަކު ތިބިކަންވެސް ފާހަގަކޮށްލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖާންވީ ވަނީ އަކްޝަތު ރާޖަން ކިޔާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އަދި އަކްޝަތުގައި ޖާންވީގެ އާއިލާއާ ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ ފަރާތެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޖާންވީ އާއި އަކްޝަތު ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފައި އެދެމީހުން ވަކި ވެފައިވަނީ ވަރަށް ސުލަހަވެރިކަމާއެކު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންދާ ހުޝީ އާއި އަކްޝަތާއި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އޮންނަ ކަމަށް ވާހަކަދައްކަން ފެށީ މިދިޔަ ހަފްތާގައި އެމެރިކާއަށް ހުޝީ ކުރި ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއަކުންނެވެ.
އަދި އެފޮޓޯތައް ހުޝީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. އަދި މިޕޯސްޓަށް އަކްޝަތް ކޮމެންޓްކޮށްފައިވުމުން މި މީހުންގެ ގުޅުމާއި މެދުގައި ސުވާލު އުފެދިގެން ގޮސްފަ އެވެ.
އެ ފޮޓޯތަކަށް އަކްޝަތް "ލަވްޔޫ" ޖަހާފައި ކޮމެންޓް ކުރުމުން އެއަށް ޖަވާބުގައި ހުޝީ ވެސް "ލަވްޔޫ" ޖަހާފައި ކޮމެންޓްވެސް ވަނީ ކޮށްފަ އެވެ.
މި ޕޯސްޓަށް ޖާންވީވެސް ވަނީ ހައިރާންވެގެން ކޮމެންޓު ކޮށްފަ އެވެ. އެކަމަކު މި ގުޅުމުގެ ހަގީގަތެއް އަދި ނޭނގެ އެވެ.
އަކްޝަތަށް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ 2016 ވަނަ އަހަރު ރިލީޒް ކުރި ޖާންވީގެ މަންމަ ސްރިދޭވީގެ ފިލްމު “އިންގްލިޝް ވިންގްލިޝް” ގެ ހާއްސަ ސްކްރީނިންއަށް އޭނާ ދިއުމުންނެވެ. ޖާންވީ އޭރު ބުނީ އެއީ ކުޑައިރުގެ ގާތް އެކުވެރިއެއް ކަމަށެވެ.
ހުޝީ ބޮލީވުޑަށް ތައާރަފު ވާނީ ޒޯޔާ އަހްތަރުގެ ފިލްމު ” އާޗީސް” އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ ނެޓްފްލިކްސްގައި އެވެ.