ޖަޕާން ސަރުކާރުގެ 'ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)' ގެ ދަށުން މި އަހަރަށް ދޭން ހަމަޖެހިފައިވާ ސްކޮލަޝިޕް ފުރުސަތުތަކާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މި އެހީގެ މައިގަނޑު މަގްސަދަކީ ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމެވެ.