މިހަފްތާގައި މިގެނެސްދެނީ އިޓާލިއަން ކެއުންތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ކެއުމެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ އަނގައަށް މީރު މި ކެއުމުގެ އަޖުމަ ބަލާލައްވާށެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ޕާމެސާން ޗީޒް (ހިމުންކޮށްފައި)
  • 1 ޕެކްޓް ކުކިންގް ކްރީމް (ކުޑަ)
  • ½ ޕެކެޓް ސްޕެގެޓީ ޕާސްތާ
  • 150ގ ބޯނަލެސް ޗިކަން
  • 3 ބިސް (ގޮބޮޅި ބައި ވަކިކޮށްފައި)
  • 1 ދަޅު ލަންޗިއަން މީޓް (ބޮޑެތި ފޮތިތަކަށް ކޮށާފައި)
  • ރަހަލާވަރަށް ލޮނު
  • ކުޑަ ތެޔޮކޮޅެއް
  • ރަހަލާވަރަށް އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ސްޕެގެޓީ ޕާސްތާ، ކުޑަ ތެޔޮކޮޅެއް އަދި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު މެދު ގިނީގައި ޕާސްތާތައް މަޑުވެ އުލަކުން ބުރި ކޮށްލެވޭ ވަރަށް ކައްކާލާށެވެ.
  2. ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފޮތިކޮށްފައިހުރި ލަންޗަން މީޓްކޮޅުތައް ތެއްލާލުމަށްފަހު ½ އިންޗިއަށް ފޮތިތައް ކޮށާލާށެވެ.
  3. ކުކުޅުކޮޅުގައި ލޮނު އަދި އަސޭމިރުސްކޮޅެއް ހޭކުމަށްފަހު ކުރިން ލަންޗިއަން މީޓްކޮޅު ހަނާކޮށްލި ތަވާގައި ކުކުޅުކޮޅު ރޯފިލުވާށެވެ. އެއަށްފަހު ކުކުޅުކޮޅު ވެސް ކުދިކޮށް ކޮށާލާށެވެ.
  4. ތަށްޓެއްގައި ބިހުގެ ގޮބޮޅިތައް، ކުކިންގް ކްރީމް، ލޮނު، އަސޭމިރުސް، ½ ޖޯޑު ޕާމެސާން ޗީޒް ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ. ބޭނުންނަމަ މީގެ ތެރެއަަށް އިތުރަށްވެސް ޗީޒް އެޅިދާނެއެވެ.
  5. ޕާސްތާކޮޅު ރަނގަޅަށް މަޑުވުމުން ތެލީގައި 1 ޖޯޑު ފެން ބެހެއްޓުމަށްފަހު ބާކީ ފެންފޮދު އުކާލާށެވެ. އެއަށްފަހު މި ޕާސްތާގެ ތެރެއަށް ކުރިން ކުދިކޮށް ކޮށި ކުކުޅުކޮޅު، ލަންޗިއަން މީޓްކޮޅު އަދި ކުކިންގް ކްރީމް މިކުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މެދުގިނީގައި ކްރީމްކޮޅު އޮލަވެ ޕާސްތާތަކުގައި ހިފަންދެން ކައްކާލާށެވެ.
  6. އުނދުނުން ބޭލުމަށްފަހު ހިހޫވުމުން އަނެއްކާވެސް ރަނގަޅަށް ހަލާލަން ހަނދާން ކުރަންވާނެ އެވެ.