ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް މިލިއަން ޑޮލަރު ބައްލަވައިގެންފައިވާ ކަމަށާއި، އެއަށް ވާ ދިވެހި ރުފިޔާ ގ. ދޫވެހީގައި އަތުން ގުނައި އެފައިސާ ޔޫސުފް ނައިމާ ހަވާލުކުރި ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ޑޮލަރުގެ މުއާމަލާތެއްގައި ހިމެނޭ ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށެވެ.
ޔޫސުފް ނައީމަކީ ކުރިންވެސް ބައްދަލުވެފައިވާ ދަންނަބޭފުޅެއް ކަމަށާއި ރައީސް ޔާމީނަކީވެސް 2013 ވަނަ އަހަރުން ފެށިގެން ވަރަށް ގާތް ބޭފުޅެއް ކަމަށް ނަރީޝް ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީން ގުޅުއްވުމުން ދޫވެއްސަށް ގޮސް 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ރައީސް ޔާމީންގެ ހާޒިރުގައި އަތުން ގުނައި ރައީސް ޔާމީން ސޮއިކުރެއްވި ރަސީދަކާއެކު ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި އެ މުއާމަލާތްކުރެވުނު އިރު އޭނާއާއެކު އެތަނުގައި އިންނެވީ ރައީސް ޔާމީނުގެ ކާރު ޑުރައިވަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރަޝީދު ނަމަކަށް ކިޔާ ބޭފުޅެކެވެ. އެ ފައިސާ ނަރީޝާ ހަވާލުކުރެއްވީ ގ. ދޫރެސްގެ ސިޓިން ރޫމުގައި ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.
ނަރީޝް މިއަދު ވިދާޅުވީ އެ ފައިސާހުރީ ދެ ދަބަހެއްގައި ކަމަށާއި އެ ފައިސާ ހަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށެވެ. ފައިސާ ހަވާލު ކުރުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށާއި، އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ވިދާޅުވީ އެކަންކަން ހަނދާނުގައި ނެތް ކަމަށެވެ. އެގޮތުން އޭރު ގެންގުޅުއްވި ފޯނު ނަންބަރު ވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝްގެ ހެކިބަހާ ގުޅިގެން އެ ހެކިބަހުގައި ނުހިމެނޭ އަދި އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ދާއިރާއިން ބޭރުން ގިނަ ސުވާލުތަކެއް ކުރުމަށް ދައުލަތުން މަސައްކަތްކުރިއެވެ. އެގޮތުން 2015 ވަނަ އަހަރުގައި އެ ފައިސާ ހަވާލުކުރި ދުވަހަކީ މޫސުން ކޮންކަހަލަ ދުވަހެއްތޯވެސް ދައުލަތުގެ ވަކީލުން ސުވާލުކުރެއްވިއެވެ. އަދި އެ ފައިސާ ހަވާލުކުރިއިރު ފައިސާ ގުނަން ހޭދަކުރި ވަގުތު ހަނދުމަފުޅު ނެތީ މާ ގިނައިން ގިނަ އަދަދުގެ ފައިސާ ގުނުއްވާފައިވާތީތޯ ވެސް ދައުލަތުގެ ވަކީލު ނައުފަލް ސުވާލުކުރެއްވި އެވެ.
ދައުލަތުން ކުރި ގިނަ ސުވާލުތަކާ ގުޅިގެން ދިފާއުން ވަނީ ހެކިވެރިޔާ އަށް ފުރައްސާރަކުރަނީ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން ޝަރީއަތުގައި އެދިފަ އެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ދައުލަތުން ކުރި ސުވާލުތަކަށް އިއުތިރާޒުކޮށް، ހެކިވެރިޔާ ހުށަހެޅި ދާއިރާގެ ބޭރުން ސުވާލުކުރާ ކަމަށް ބުނެ ދިފާއުން ހުށަހެޅި ހުރިހާ ކަމެއްހެން ބަލައިގެން ގިނަ ސުވާލުތައް ހުއްޓުވައިފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިސް ގާޒީ އަހްމަދު ޝަކީލް ވަނީ މާދަމާ ތިން ހެކިވެރިއެއްގެ ހެކި ބަސް ނަގާނެ ކަމަށެވެ. މާދަމާއަށް ފަހު ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ މަހުގެ 25 އާއި 29ގަ އެވެ.