ބޯހިމެނުގެ މަސައްކަތަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޖޫރިމަނާކުރާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާ ވިދާޅުވީ ގާނޫނުގެ ދަށުން ބޯހިމެނުމަށް މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިބިގެންވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރުކުރާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގައި އެކަން އޮންނަ ގޮތް ފުރަތަމަ މީހުންނަށް ކިޔައިދީ މި މައުލޫމާތު ނެގުމުގެ މުހިންމުކަން އަަންގައިދެމުންދާ ކަމަށެވެ. އެގޮތުން ފިޔަވަޅު އެޅުމުގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޝަހުދާ ވިދާޅުވި އެވެ

އެ ބިއުރޯ ގެ ބޭފުޅަކު ގޮސްގެން ނުވެއްޖެ ނަމަ އޮފިޝަލުންގެ ލެވެލް މީހަކު ގޮސް ކިޔައިދޭނެ ކަމަށް ޝަހުދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ކިޔައިދިނުމަށްފަހު މައުލޫމާތު ދޭން އިތުރު މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ވެސް މައުލޫމާތު ނުދީފިނަމަ ކުރެވޭނެ ހުރިހާ ޖޫރިމަނާތަކެއް ވެސް ކަނޑައަޅާފައި ހުންނާނެ ކަމަށާ އެ ހުރިހާ އެއްޗެއް އަންގަދީފައި ލިޔުމެއްދިނުމަށްފަހު އެންމެ ފަހު ވަގުތާ ހަމައަށް މައުލޫމާތު ނުދީފިނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް ޝަހުދާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރު އެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، ބޮޑު ހަނގުރާމައިގެ ދުވަސްވަރު މެދުކެނޑުމެއްއަ އެވެ. އޭގެ ފަހުން ބޯހިމަނަން ފެށީ 1946ގަ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.