އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ރާޖޫ ސްރިވަސްތަވް މަރުވެއްޖެ އެވެ.

މިދިޔަ މަހު ދިހަ ވަނަ ދުވަހު ރާޖޫ ޖިމެއްގައި ކަސްރަތު ކުރަން ހުއްޓައި ހާޓްއެޓޭކެއް ޖެހިގެން ނިއު ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

އޭރު އޭނާގެ ހާލު ދެރަކަމުން ވެންޓިލޭޓަރުގައި ފަރުވާވެސް ވަނީ ދީފަ އެވެ. އޭގެ ފަނަރަ ދުވަސް ފަހު ހާލު ރަގަޅު ވެގެން ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.

ނަމަވެސް މިމަހުގެ ތެރޭގައި އަނެއްކާ ވެސް ހާލުގޯސްވެ އޭނާއަށް ފަރުވާ ދޭން ޖެހުނެވެ.

58 އަހަރުގެ ކޮމޭޑިއަންގެ މަރުގެ ހަބަރާއެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

އޭނާ ސްޓޭންޑް އަޕް ކޮމެޑީގެ ގޮތުގައި މަޝްހޫރު ވެގެންދިޔައީ "ދަ ގްރޭޓް އިންޑިއަން ލާފުޓާ ޗެންޖް" އިންނެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބާޒިގަރު، "ބޮމްބޭ ޓު ގޯއާ" ހިމެނެ އެވެ.

ރާޖޫއަކީ މިހާރު އުއްތަރު ޕްރަދޭޝްގެ ފިލްމް ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަން އެވެ.