ނޫސްވެރިންނަށް މަސްދަރު ހާމަކުރަންޖެހޭ ފަދަ ކަންބޮޑުވުމެއް ހިމެނޭ ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް ހުށަހަޅާއިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވުމަށް ބަންޑާރަނައިބް އޮފީހުން އެކުލަވާލާފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އޭގެތެރެއިން ގިނަ ކަންކަމަށް ހައްލު ލިބޭ ގޮތަށް ބިލް އެކުލަވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޑްރާފްޓްގައި އަދިވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ މައިގަނޑު ދެ ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހުކުރާތީ އެ ޖަމްއިއްޔާއިން ކަންބޮޑުވެ އެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައިވުމަކީވެސް އެ ޖަމްއިއްޔާއިން ކަންބޮޑުވާ ކަމެކެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށްއޮވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހެއްކާބެހޭ ބިލު ތަސްދީގު ކުރެއްވީވެސް އެ މާއްދާ އިސްލާހު ނުކޮށް ތަސްދީގު ނުކުރުމަށް ގޮވާލައި ޕެޓިޝަނެއް ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނިކޮށްވެ.