ދައުލަތުގެ ރިޒާވް ދަށްވެ، ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު ވެސް 248 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 248.9 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރު ނުވަތަ 4.5 ޕަސެންޓުގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ޔޫޒަބަލް ރިޒާވަށް ވަނީ 23 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.
އެހެންނަމަވެސް ޖޫން މަސް ނިމުނުއިރު ޖުމްލަ ރިޒާވް ނުވަތަ ގްރޮސް ރިޒާވްގައި ހުރި 686.8 މިލިއަން ޑޮލަރަކީ މެއި މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ރިޒާވްގައި ހުރި 832.4 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ 17.5 ޕަސެންޓުގެ ބޮޑު ދަށްވުމެކެވެ.
މި އަހަރުގެ މާޗު މަހު ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރުގައި ހުރުމަށް ފަހު، އެންމެ ތިން މަސްދުވަހުގެ ތެރޭގައި ރިޒާވުން 645 މިލިއަން ޑޮލަރު ވަނީ މަދުވެފަ އެވެ. ރިޒާވް އެންމެ ބޮޑަށް ހީނަރުވެގެން ދިޔައީ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓު ދައްކަންޖެހުނު އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރިޒާވް މިހާ ބޮޑަށް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރަންޖެހުނު ހޭދަ އިތުރުވުމެވެ. ހާއްސަކޮށް ބޭންކިން ނިޒާމަށާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، މަރުކަޒީ ބޭންކުގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު މެއި މަހާ އަޅާބަލާއިރު 43 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
އެމްއެމްއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޓީޓީ ސަޕޯޓަށް ކުރަންޖެހޭ ހަރަދު މިގޮތަށް ބޮޑުވުމަކީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކުން ކުރަންޖެހޭ ހޭދަ ވެސް އެއާއެއްވަރަށް ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.
"އަލަތު ކައިވެންޏަށް ހިލޭ ޖާގަ ދޭނީ ތަނަވަސްކަން ނެތް މީހުންނަށް"
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
އެލްޖިއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި