މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 461.49 މިލިއަން ރުފިޔާ ދައްކައިފި އެވެ.
މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2019 ނޮވެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 59.9 ޕަސެންޓް ދަށް އަދަދެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެ ފީ މިދިޔަ މަހު ލިބިފައި ނުވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 66.9 ޕަސެންޓް ނުވަތަ 308.68 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 9.1 ޕަސެންޓް ނުވަތަ 42.09 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 19.77 މިލިއަން ރުފިޔާ (4.3 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ (3.6 ޕަސެންޓް)، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ (2.5 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 63.13 މިލިއަން ރުފިޔާ (13.7 ޕަސެންޓް) ހިމެނެ އެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.