ހިންދީ ފިލްމު "އާތުމާ"ގެ ޝޫޓިންގެ ތެރެއިން ރޫހާނީ އެކި ކަންކަން ހިނގާފައިވާކަމަށް އެ ފިލްމުގެ ބަތަލާ، އަދި މަޝްހޫރު ތަރި ބިޕާޝާ ބާސޫ ބުނެފި އެވެ.

އެ ފިލްމާ ގުޅިގެން ނޫސްވެރިއަކު ވަނީ، ބިރުވެރި ފިލްމަކަށް ވީތީ، އެފަދަ ފިލްމުތައް ކުޅޭއިރު، އެއްވެސް ރޫހާނީ ކަމެއް ހިނގާތޯ ބިޕާޝާއާ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ބިޕާޝާ ޖަވާބުދީފައިވާއިރު، އެއީ އޭނާ ވަރަށް ގިނައިން އާންމުންނާ ހިއްސާކޮށްފައިވާ ވާހަކަތަކެއް ކަމަށް ބިޕާޝާ ބުނެފައިވެ އެވެ.

އޭގެ ތެރެއިން ބިޕާޝާއަށް އެންމެ ހަނދާންވާ އެއް ރެއެއްގެ ވާހަކަ އޭނާ ވަނީ ކިޔައިދީފަ އެވެ. އެގޮތުން ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ ރެއެއްގައި ހިނގި ހާދިސާއެއް ކިޔައިދީފައިވެ އެވެ. އަދި އެރޭ މައިކުން ބިރުވެރި ޒާތެއްގެ ލަވައެއް ކިޔަން ޖެހޭތީ، ކާސްޓުގެ އެންމެން ވެސް ތިބީ އަޑުމަޑުކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބިޕާޝާ އެ ލަވަ ކިޔުމުގެ ކުރިން މާ ދުރުން އަންހެނަކު އެ ލަވަ ކިޔާ އަޑު އިވޭ ކަމަށް ބިޕާޝާ ބުނެފައިވެ އެވެ.

ބިޕާޝާ ބުނިގޮތުގައި އެ އަޑު އިވުނީ ހަމައެކަނި އޭނާއަށާއި އޭނާގެ ކައިރީގައި ހުރި އެސިސްޓެންޓް ޑިރެކްޓަރަށް އެކަންޏެވެ. އަދި އަޑު އިވުނީ މަޑުން ނޫން ކަމަށާއި، ޓޭޕް ރިކޯޑުކުރުމަށް ފަހު އަލުން ބެލިއިރު އަޑު އެއްވެސް ގޮތަކަށް ހިމެނިފައި ނުވާ ކަމަށް ބިޕާޝާ ބުނެފައިވެ އެވެ.

ބިޕާޝާ ބުނިގޮތުގައި މިކަމަކީ އިތުރު އެހެން ގޮތަކަށް ތަފްސީލެއް ދެވޭނެ ކަމެއް ނޫނެވެ. އަދި ފިލްމުގެ ކާސްޓު އެއްކޮށް އެތަނުގައި ހާޒިރުވެ ތިބި ވަގުތު، އެހެން އަންހެނަކު ލިރިކްސް ރަނގަޅަށް އެ ލަވަ ކިޔުމަކީ ރޫހާނީ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފިލްމު އާތުމާއަކީ 2013 ވަނަ އަހަރު ރިލީޒްކޮށްފައިވާ ބިރުވެރި ފިލްމެކެވެ. އެ ފިލްމުގައި ބަތަލާގެ ރޯލުން ބިޕާޝާ ފެނިފައިވާއިރު، ބިރުވެރި ރޯލަކުން އަދި ބިޕާޝާގެ ފިރިމީހާގެ ރޯލުން ފެނިފައި ވަނީ ނަވާޒުއްދީން ސިއްދީގީ އެވެ.