ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތާރީހުގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އާ ރަންވޭ މަޝްރޫއު ކަމާމެދު ދެބަސްވެވޭކަށް ނޯންނާނެ އެވެ. އެ މަޝްރޫއުގެ އިތުރުން މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށި އާ ސީޕްލޭން ޓާމިނަލް މަޝްރޫއަކީ ވެސް ރައީސް ޔާމީން ފެއްޓެވި މަޝްރޫއެކެވެ.
ވީއައިއޭގެ އާ ރަންވޭ ހަދައި 2018 ވަނަ އަހަރު އެ ރަންވޭއަށް އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ 380 ގެ މަތިންދާ ބޯޓެއް ޖެއްސި ނަމަވެސް މިއަދު އަލުން ވަނީ އެ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ބޮޑު ރަސްމިއްޔާތެއް ހުޅުލޭގައި ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗެއާމަންކަން ފާއިތުވި ދެ ވެރިކަމުގައި ވެސް ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ) މިއަދު ވިދާޅުވީ އެ އެއާޕޯޓުގެ އާ ރަންވޭ ހަދާފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2008 ވަނަ އަހަރު ހެދި މާސްޓާ ޕްލޭނެއްގެ ދަށުން ކަމަށެވެ. ނަމަވެސް ޕްލޭންގެ ހުރިހާ ތަފުސީލެއް މީޑިއާއަށް އޭރު އާއްމުކުރިއިރު އާ ރަންވޭއެއްގެ ވާހަކައެއް އެމްއޭސީއެލް އިން އޭރު ނުބުނެ އެވެ.
އެ ކުންފުނިން އޭރު ބުނެފައި އޮތީ އެ ޕްލޭންގެ ދަށުން ހަދަނީ އަހަރަކު ހަތަރު މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭ ޓާމިނަލެއްގެ ވާހަކަ އެވެ. ނަމަވެސް 2014 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިންފްރާޓާ ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ މާސްޓަ ޕްލޭނެއް ފުރަތަމަ އެކުލަވާލީ ވެސް އާ ރަންވޭއަކާއި ފިއުލް ފާމަކާއި ސީ ޕްލޭން ޓާމިނަލެއް އަދި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ފަސިންޖާ ޓާމިނަލެއް ވެސް ހަދާ ގޮތަށެވެ. އަދި މިއަދު ބޭނުންކުރަން ފެށި އާ ރަންވޭއަކީ ވެސް އަލަށް ހެދި މާސްޓަޕްލޭންގެ ދަށުން ތަރައްގީކުރި ރަންވޭއެކެވެ.
އާ ރަންވޭ ހުޅުވުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ އެމްޔޫ މަނިކު ވިދާޅުވީ އާ ރަންވޭއަކީ 2008 ވަނަ އަހަރު ހެދި މާސްޓަ ޕްލޭންގެ ދަށުން ތަރައްގީކުރި ތަނެއް ކަމަށެވެ.
"އަޅުގަނޑު މިތަނަށް ވަދެ 2008 ވަނަ އަހަރު ހެދިފައި އޮތް މާސްޓަ ޕްލޭނެއް އަޅުގަނޑުމެން ބަލަން ފައްޓަައިފިން. ބަލާފައި އަޅުގަނޑުމެންނަށް ވިސްނުނީ ދިގު ރާސްތާގެ ޕްލޭނެއް އޮންނަން ޖެހޭނެ ކަމަށް،" އާ ރަންވޭއަކީ އެ ޕްލޭންގެ ދަށުން ހެދި ތަނެއްކަން ވިސްނައިދިނުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.
އެމްޔޫ މަނިކު ވިދާޅުވީ އާ ރަންވޭގެ މާސްޓާ ޕްލޭން 2008 ވަނަ އަހަރު ހެދީ އިނގިރޭސިވިލާތުގެ އިންފްރާޓާ ކިޔާ ބަޔަކު ކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރުގެ އެ ޕްލޭން ހެދީ އިނގިރޭސިވިލާތުގެ ސްކޮޓް ވިލްސަން ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު އެމްޔޫ މަނިކު ވިދާޅުވީ އެ ޕްލޭން ހެދީ އިންފްރާޓާ އިން ކަމަށާއި އަދި ފަހުން ރިވިއު ކުރަން ހަވާލުކުރީ ވެސް އެ ކުންފުންޏާ ކަމަށް ވިދާޅުވި އެވެ.
"އަނެއްކާ ވެސް އަޅުގަނޑުމެން އެ މީހުންނަށް ދިނީ މި ޕްލޭން ރިވިއުކުރަން މި ޕްލޭން. އެ މީހުން ތައްޔާރުކޮށްފައި އޮތް ޕްލޭނެއް އެއީ މިތަނުގެ މާސްޓާ ޕްލޭން. އޭގައި މިއޮންނަނީ މިތަނުގައި ކޯޑް އެފް ރަންވޭއާއި މިހުރިހާ އެެއްޗެއް،" މީގެ ކުރިން އެމްއޭސީއެލްގެ ބޮޑެތި ރަސްމިއްޔާތުތަކުގައި އާއްމުކޮށް ބައިވެރި ނުވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަމުން އަންނަނީ އެ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފެށީ 2015 ވަނަ އަހަރު ޗައިނާ އެގްޒިމް ބޭންކުން ދިން ލޯނުގެ ދަށުން ބީޔޫސީޖީއާ ހަވާލުކޮށްގެން ކަމަށް ވެސް އެމްޔޫ މަނިކު ވިދާޅުވި އެވެ.
އެއާޕޯޓުގެ އެންމެ ފުރަތަމަ މާސްޓަ ޕްލޭނެއް ހެދީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހު އިނގިރޭސިވިލާތުގެ ސްކޮޓް ވިލްސަން ކިޔާ ކުންފުންޏަކުންނެވެ. އަދި ދެވަނަ މާސްޓާ ޕްލޭން ހެދީ 2011 ވަނަ އަހަރު މޮޓް މެކްޑޮނަލްޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ޖީއެމްއާރުންނެވެ. އަދި އެމްޔޫ މަނިކު ވިދާޅުވި އިންފްރާޓާ ކިޔާ ބަޔަކާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. އަދި އެ ޕްލޭން ރިވިއުކުރީ 2015 ވަނަ އަހަރު އޮގަސްޓް 31ގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓް ހިންގާ ޗަންގީ އެއާޕޯޓްސް އިންޓަނޭޝަނަލް އިންނެވެ.
އެ ރަންވޭ މަޝްރޫއު ނިމި ބޯޓު ފަހަރު ޖައްސަން އާއްމުކޮށް ހުޅުވާލި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުކުރުގެ ލިސްޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓްގެ ބޭފުޅުންނަށާއި ޗައިނާގެ ބީޔޫސީޖީ އަދި ޗައިނާ ސަރުކާރަށް ޝުކުރު ދެންނެވިއިރު ވެސް އެމްޔޫގެ ލިސްޓްގައި ކުރީގެ ރައީސް ރައީސް ޔާމީން އަދި އެ މަޝްރޫއު ހިންގެވުމުގައި އެންމެ އިސްކޮށް އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ.