ދިރިއުޅުމުގައި ދިމާވާ އެކި ކޮންޖެހުންތައް އެކި މީހުން ހައްލު ކުރާނީ އެކި ގޮތަށެވެ. ހިތްވަރުގަދަ މީހުން ކެތްތެރިކަމާއެކު މައްސަލަ ހައްލު ކުރާއިރު އަނެއްބައިމީހުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ އެވެ.

މިފަދަ ކަންކަމުން އަރައިގަނެ އަމިއްލަ ނަފްސު ކުރިއެރުވުމަށް ބައެއް އާދަތަކުން ދުރުވާން ޖެހެ އެވެ. އެފަދަ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ވަޒީފާގެ މައިދާނަކީ އާ ކަންކަން ކުރަން ތިމާއަށް ޖެހިދާނެ މާހައުލެކެވެ. މަސައްކަތުގެ ގޮތުން ތިމާ އެހާ ފަރިތަ ނޫން ކަންކަން ކުރަން ޖެހިދާނެ އެވެ. ނުވަތަ ކިޔެވުމަށް ކޮލެޖަކަށް ދާ ހިސާބުން ކަންކަން ބަދަލުވެދެ އެވެ. ރައްޓެހިން ބަދަލުވެ، ކިޔެވުމުގެ ވައްޓަފާޅި ސްކޫލުތަކާއި މުޅިން ތަފާތުވެދެ އެވެ.

އެހެން ނަމަވެސް ބައެއް މީހުން ނުވަތަ ކުދިން އާ ކަންކަންކުރަން ޖެހިލުންވެ ބިރުގަނެ އެވެ. ނުކުމެދާނެ ނަތީޖާ ނޭނގޭތީ ކަަމަށްވެސް ވެދާނެ އެވެ. އެހެން ނަމަވެސް ތިމާ ކުރިއެރުމަށް މިފަދަ ބަދަލުތަކަކީ މުހިއްމު ކަމަކަށްވުން އެކަށީގެންވެ އެވެ.

ދެވަނަ ކަަމަކީ މީހުން ކިޔާފާނެ އެއްޗަކަށް ޖެހިލުން ވުމެވެ. އާ ކަންކަން ތަޖުރިބާ ކުރުމާ މިކަން ގުޅުވިދާނެ އެވެ. އަލަށް ވަޒީފާއަށް ދިއުމަކީ އާ ތަޖުރިބާ އެކެވެ. މަތީ ތައުލީމް ހާސިލް ކުރުމަށް ރަށުން ބޭރަށް ނުވަތަ ގައުމުން ބޭރަށް ދިއުން މިވެސް އާ ތަޖުރިބާ އެކެވެ.

އާބައެއްގެ ތެރެއަށް ތިމާ ނުކުންނަ އިރު އަމިއްލަ ނަފްސަށް އިތުބާރުވެސް ބޭނުންވާނެ އެވެ. އެއްވެސް މީހަކީ ހުރިހާ އެއްޗެއް ދަންނަ މީހެއް ނޫނެވެ. އަބަދުވެސް ދަސްކުރަން އިތުުރު ކަންކަން ހުންނާނެ އެވެ. ކޮންމެ މީހަކީވެސް ތަފާތު އާދަތަކެއް ނުވަތަ ވައްޓަފާޅިއެއް ގެންގުޅޭ މީހެކެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް ނުވަތަ އެހެން މީހަކު ބުނެދޭ ގޮތަކަށް ތިމާ ބަދަލު ވާކަން ނުޖެހެ އެވެ.

މުހިއްމު ކަމަކީ ދިރިއުޅުމުގައި ތމާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ފަސްނުޖެހި ކުރިއަށް ދިއުމެވެ.