މިދިޔަ ޖޫން މަހު ދެވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ވަޅިން ހަމަލާދިނުމުން މުހައްމަދު ޒަޔާން މޫސާ މަރުވުމުގެ އޭނާއަށް ހަމަލާދިން މީހުންގެ ނަންތައް ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އައްޑޫ ސިޓީ ފޭދޫގައި ހިނގި އެ ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަޔާނަށް ހަމަލާދިން މީހުންގެ ނަންތައް އޭނާގެ ދުލުން ކިޔައިދީފައިވާއިރު، އެ އެންމެން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

އެ މީހުންނަކީ:

  • އަބްދުﷲ ނިޒާރު، 28 (ކާމަރަނގަގެ، ސ. ފޭދޫ)
  • އަބްދުﷲ ޝިއާއު ރަޝީދު، 28 (ދިރިމާގޭ، ސ. ފޭދޫ)
  • އައިލިޝް އަލީ، 19 (ފުފޫމާގޭ، ސ. ފޭދޫ)
  • އަހުމަދު ޝުއާއު، 24 (ދިރިމާގެ، ސ. ފޭދޫ)
  • ޔައިޝް އަންވަރު، 19 (ކަދުރުމާގޭ، ސ. ހިތަދޫ)
  • އަހުމަދު އަބްދުﷲ، 25 (ކަރަންފޫގެ، ސ. ފޭދޫ)
  • އަހުމަދު ނަބީލް، 34 (ސަންޝައިން، ސ. ފޭދޫ)

ސާމިހު ވިދާޅުވީ ޒަޔާންގެ މަރަކީ އެ ދުވަސްވަރު ފޭދޫގެ ދެ ގޭންގެއް ދެމެދު ހިނގަމުން ދިޔަ ސިލްސިލާ މާރަމާރީއެއްގެ ތެރެއިން އެއް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ.

ޒަޔާން މަރާލުމުގެ ކުރިން އޭނާ ދިރިއުޅޭ ގޭގެ ދޮރަށް ކަތިވަޅިއަކުން ޖަހައި ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ. އެ މައްސަލަ ރިޕޯޓް ކުރުމުގެ ކުރިން ޒަޔާން ދިރިއުޅޭ ގެ ކައިރިއަށް ސައިކަލުތަކެއްގައި ބާރުބާރަށް ބަޔަކު ދުއްވާ މައްސަލައެއް ވެސް އެގޭގައި އުޅޭ މީހުން ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަޔާން ދިރިއުޅޭ ގެއިން އެއްވެސް ކަތިވަޅިއެއް ނުފެނޭ. އެކަމަކު ދޮރަށް ގެއްލުން ލިބިފައި ހުރި. އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މި ހާދިސާ ހިނގީ،" ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ އޭގެ ދުވަސް ކޮޅެއް ކުރިން ޒަޔާން ވެސް ފުލުސް އޮފީހަށް ގޮސް އޭނާއާ ބަޔަކު ހަޑި ހުތުރު ބަހުން ވާހަކަ ދައްކަމުންދާ ކަމަށް ރިސެޕްޝަންގައި ހުރި ފުލުސް އޮފިސަރަށް އޭނާ އެންގި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދީ ޒަޔާން އެތަނުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަޔާނަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އެ ގޭގެ ފުރަތަމަ ފްލޯގައި ޒަޔާން އޮއްވާ ފެނުނު ކަމަށާއި އޭރު ގޭގެ އެކި ހިސާބުގައި ވަރަށް ގިނައިން ލޭ ވެސް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ. ހަމަލާ ދިން މީހުން ބޭނުންކުރި ބައެއް ހަތިޔާރު ވެސް އެގޭތެރެއިން ފުލުހުން ވަނީ ހޯދައިފަ އެވެ.

އޭރު ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކެފޭއެއްގެ ތެރޭގައި ހަމަލާގެ އިންތިޒާރުގައި ތިބި ކަމަށާއި ހަމަލާ ދިނުމަށް ފަހު، އެ މީހުންނަށް ފޯނުން ގުޅައި އެކަން ކުރި ވާހަކަ އަންގާފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

އެ މީހުންގެ މައްސަލަ ވަރަށް އަވަހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޒަޔާން މަރާލި ކަމުގެ ތުހުމަތުގައި ކުޑަކުއްޖެއްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާ މަރާލުމަށް އެހީތެރިވި ކަމުގެ ދައުވާ އިތުރު ތިން ކުއްޖަކަށް ވަނީ އުފުލައިފަ އެވެ.