ތެހެރާން (12 ޑިސެމްބަރު) - އިރާނުން އެގައުމުގެ ނޫސްވެރިއެއް ދަންޖައްސައި މަރާލައިފި އެވެ.

ދަންޖައްސާ މަރާލާފައިވަނީ ރޫހުﷲ ޒަމް ކިޔާ ނޫސްވެރިއެކެވެ. އިރާން ސަރުކާރުގެ ޓީވީ އަދި ސަރުކާރުގެ ހަބަރު ގެނެސްދޭ އިރުނާ އިން ބުނިގޮތުގައި ޒަމް ދަންޖައްސާ މަރާލާފައިވަނީ ހޮނިހިރު ދުވަހު އެވެ.

ޒަމް ދަންޖައްސައި މެރުމަށް ހުކުމް ކޮށްފައިވަނީ ޓެލެގްރާމް ޗެނެލެއް ކަމަށްވާ އަމާދް ނިއުސް ކިޔާ ޗެނެލެއްގައި އިރާނުގެ ސަރުކާރާ ދެކޮޅަށް ބަސްބުނެ، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކޮށް، އީރާނުގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބަޔަކާއި ގުޅިގެން ރާވާއި އަދި އެކަމަށް މަގުފަހިކޮށްދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

2017 ވަނަ އަހަރު އިރާނުގައި ހިންގި މުޒާހަރާތަކުގެ ހަބަރާއި، މުޒާހަރާ އޮންނާނެ ގަޑިއާއި، ތަނާއި، ފޮޓޯ އަދި ވީޑިއޯގެ އިތުރުން އެހެނިހެން މައުލޫމާތު ޒަމްގެ ޓެލެގްރާމް ޗެނެލް މެދުވެރިކޮށް ގެނެސްދީފައިވެ އެވެ. އަދި މުޒާހަރާތަށް އެހާބޮޑަށް ހޫނުވެ އެހެނިހެން ސްޓޭޓްތަކަށް މުޒާހަރާ ފުޅާވެގެންދިޔައީ މި ޓެލެގްރާމް ޗެނެލް އިން ބަރާބަރަށް މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށްވެ އެވެ.

މުޒާހަރާތަށް ފުރަތަމަ ފެށުނީ ކާބޯތަކެތީގެ އަގު ކުށްލިއަކަށް މައްޗައް ދިއުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ސަރުކާރުގެ ސިޔާސަތުތަކާއި އިރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދިމާވަމުންދާ އެހެނިހެން ކަންކަމާމެދު އާންމުން ނުރުހުންވެ، އިރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއި އަދި ރައީސް ރޫހާނީ އާއި ދެކޮޅަށް ވެސް އަޑުއުފުލާފައި ވެ އެވެ. މި ހަރަކާތްތަކަކީ 2009 އަހަރު އިރާންގައި ހިންގި ގްރީން މޫވްމަންޓްގެ ފަހުން މިގޮތަށް ހިނގާދިޔަ އެންމެ ބޮޑު މުޒާހަރާތަކެވެ. މި މުޒާހަރާ ތަކުގައި 25 މީހުން މަރުވެ 5،000 މީހުން ހައްޔަރުކުރި އެވެ.

މުޒާހަރާތައް ހޫނުވުމާ ގުޅިގެން އިރާން ސަރުކާރުން އެދިގެން ޓެލެގްރާމް އިން ވަނީ މި ޗެނެލް ބްލޮކް ކޮށްފަ އެވެ. ޒަމްގެ މައްޗަށް ސަރުކާރު ވައްޓާލުމަށް ބޭރުގެ ބަޔަކާ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވާ ކުރުމާއި ގުޅިގެން އޭނާވަނީ އިރާން ދޫކޮށް ޕެރިސްއަށް ބަދަލުވެފަ އެވެ. އެހެން ނަމަވެސް ދުވަސްކޮޅެއް ފަހުން ޒަމް ވަނީ އެނބުރި އިރާނަށް އައިސްފަ އެވެ.

ފްރާންސުން ސިޔާސީ ހިމާޔަތްދީފައިވާ ޒަމް އީރާނަށް ފޮނުވީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން މާރާނުލާނެ ކަމަށް އެ ގައުމުން ބުނުމުންނެވެ. ނަމަވެސް ޒަމް ދަންޖެއްސުމުގެ ކުރިން އޭނާއަށާއި އާއިލާއަށް ވެސް ނާންގާ ކަމަށް ޒަމްގެ ބައްޕަ މުހައްމަދު އަލީ ޒަމް ބުންޏެވެ.

ޒަމްގެ މަރާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އިރާންގެ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް އެފަރާތްތަކުން ބުނެ އެވެ.-- އެސޯސިއޭޓެޑް ޕްރެސް