ޓެރަރިޒަމް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންޓީއާރްޕީއަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއް ކަމަށެވެ.

މި ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޓެރަރިޒަމާއި، ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް އެ ޕްލޭންގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، މިއަދު ބޭއްވި ހަރަކާތަކީ، ޓެރަރިޒަމްގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޚިޔާލާއި ވިސްނުން އެއްގޮތް ދެ ޤައުމު ކަމަށާއި، މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމުގަ އެވެ.

މިއަދު ބޭއްވެވި ހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި، އަދި ނެޝަނަލް ސެކިއުރިޓީ ސަރވިސަސްގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ހަރަކާތައްފަހު، އެންޓީއާރްޕީގެ ވަރކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެ އެވެ. އަދި މި ސެޝަންތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.