ވޯލްޑް ކަޕް ފެށެން ދެ ހަފްތާއަށް ވެފައިވަނިކޮށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް އަނިޔާވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އާޖެންޓީނާގެ ކެޕްޓަން މެސީގެ ފައިގެ ކުޑަ ހުޅަށް ވަނީ އަނިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު މެސީ އަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަށާއިރު މެސީގެ އަމާޒަކީ މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނުމެވެ.
ޕީއެސްޖީން ބުނީ މެސީ އަށް ލިބުނީ ވަރަށް ކުޑަ އަނިޔާއެއް ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި މެސީ ތަމްރީންތަކުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މި ފަހަރު ވެގެން ދާނީ މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށެވެ. މި ސީޒަން ފެށުނު ފަހުން ވެސް މެސީ އަށް އަނިޔާގެ އެކި މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ.
މެސީ އަންނަނީ މި ސީޒަންގައި ޕީއެސްޖީ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕީއެސްޖީން ކުޅުނު 18 މެޗުގައި އޭނާ ވަނީ 12 ގޯލް ޖަހައި 14 ގޯލް ޖަހައި ދިނުމަށް އެހީތެރިވެދީފަ އެވެ.
އާޖެންޓީނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޑި މާރިއާ އާއި ޕައުލޯ ޑިބާލާ ވެސް ހުރީ އަނިޔާގަ އެވެ. އަދި އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވެސް ހުރީ އަނިޔާގަ އެވެ.