އެމްޑީޕީ އޮތީ ޝަރުއީ ދާއިރާ ރަހީންކޮށްފައި ކަމަށާއި ޝަރުއީ ދާއިރާ ހިންގަނީ އެމްޑީޕީގެ އިސް ސަފުގައި ތިބި ހަތަރު ބޭފުޅުންގެ ލޯފާމަކުން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ސ. ހިތަދޫގައި ރޭ ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ދާއިރާ އޮތީ އެމަނިކުފާނުގެ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ކަމަށާ، މިއަދުގެ ހާލަތަށް ބަލާލުމުން ކުރިން އެގޮތަށް ފާޑުކީ މީހުން ތިބީ ވެރިކަމުގައި ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އައީ މިނިވަން ފަނޑިޔާރުގެއެއް ހޯދުމަށް ވަކާލާތު ކުރަމުން ކަމަށާއި ނަމަވެސް ވެރިކަން ލިބުމުން ފަނޑިޔާރުގެ މިނިވަންކުރަން އެ ޕާޓީން މަސައްކަތްކުރާ މަންޒަރު ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޖޭއެސްސީ އޮތީ އެމްޑީޕީގެ ދަށުގައި ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ.

"މިއަދުގެ ޝަރުއީ ނިޒާމުގައި މި ހިނގާ ކަންތައްތައް މި ހިނގަނީ އެމްޑީޕީގެ އިސް ސަފުގައި ތިބި ހަތަރު ބޭފުޅުންގެ ލޯފާމުން. އެ ލޯފާމުން ވަކާލާތުކުރަން ވައްދާ މައްސަލަތަކަށް ޖާގަ ލިބިގެންދަނީ ފަނޑިޔާރުންގެ މޭޒުކޮޅުން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ އެމްޑީޕީގެ ކޮންޓްރޯލުގައި ކަމަށާއި ހުރިހާ ފަނޑިޔާރުން ތިބީ ރަހީނުކޮށް ބިރު ދައްކާފައި ކަމަށެވެ. އަދި މިއިން ޒަމާނަކު ވެސް ޝަރުއީ ދާއިރާތަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ތަހުގީގަކީ އިންސާފުގެ ދަތުރުގެ ފެށުން ކަމުގައިވާއިރު މިއަދު ފުލުހުންގެ ޚިދުމަތުން އެ މަސައްކަތް އިންސާފުވެރިކޮށް ނުކުރާ ކަމަށެވެ. ތަހުގީގު ފަށަނީވެސް ވަކި ނަތީޖާއެއް ނެރުމަށް ކަމުގައި ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޅިޔަނެއް ފުލުހުގެ އެންމެ މަތީ ވެރިއެއްގެ މަގާމަށް އައްޔަންކުރައްވައިގެން އެ މުއައްސަސާ ވެސް ސިޔާސީކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މިއަދު ބޮޑެތި ކުށްތައް ތަހުގީގުކުރުމުގެ ބަދަލުގައި ފުލުހުންގެ ޚިދުމަތުގެ ބޮޑު ހަކަތައެއް ހޭދަކުރަނީ ސިޔާސީ ވާދަވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުކޮށް އެ ފަރާތްތައް ފުރޭމްކުރަން ކަމަށެވެ.