ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރު ސުނިލް ޝެޓީ ވަނީ ރާއްޖެ އައިސްފަ އެވެ. މިފަހަރު ސުނިލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސިޔާމް ވޯލްޑްގަ އެވެ.

ސުނިލް ރާއްޖެ އައިސް، ސީޕްލޭންގައި ރިސޯޓަށް ދަތުރުކޮށް، އެ ސީޕްލޭން އިން ފައިބާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ނަމަވެސް މި ދަތުރާ ބެހޭ ގޮތުން ސުނިލްގެ އެއްވެސް ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.

މިހާރު އުމުރުން 61 އަހަރުގެ ސުނިލްގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ.

1991 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ސުނިލް އެކްޝަން އާއި ކޮމެޑީ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާއިރު، އޭނާއަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.

https://www.facebook.com/habib.rana.3133/videos/611691147373514/?t=0

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ސުނިލް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތެލެގޫ ފިލްމު "ގަނީ" ގެ ރޯލަކުންނެވެ. އޭނާގެ ފުރަތަމަ ވެބް ސީރީޒް "ދަރާވީ ބޭންކް" ވަރަށް އަވަހަށް އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާނެ އެވެ.

ސުނިލްގެ ދެ ދަރިން ކަމަށްވާ އުމުރުން 29 އަހަރުގެ އާތިޔާ ޝެޓީ އާއި އުމުރުން 26 އަހަރުގެ އަހާން ޝެޓީއަކީ ވެސް ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަންނާނުންނެވެ.

ފިލްމީ ދާއިރާގެ އިތުރުން ސުނިލް އަންނަނީ ފިޓްނަސް ދާއިރާގައިވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިޓްނެސްގެ އެންމެ ބޮޑު ހަރަކާތް "މިޝަން ފިޓް އިންޑިއާ" ހިންގަމުން އަންނަނީ ސުނިލްގެ ބެލުމުގެ ދަށުންނެވެ. މިފަދަ ހަރަކާތެއް ސުނިލް ޝެޓީއާއެކު ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީއާއެކު 2019 ގައި އެއްބަސްވެފަ އެވެ.