ޖަލުތަކުގައި ލިބުނު އަނިޔާ އަށް ފިލްމެއް ހެދޭތޯ ބަލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް ކޮށްފައިވާ ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުޟޫޢީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުޤައްރަރުތަކުގައި ހިމެނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލުމާ ގުޅިގެން އެއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

މޫސަ ވިދާޅުވީ ޖަލުތަކުގައި މީހުނަށް ކުރެއްވި އަނިޔާގެ ވަރަށް ތަފްސީލް ހަގީގީ ހާދިސާއެއް މިހާރު ލިޔަމުންދާ ކަމަށެވެ.

އަދި އެ ހާދިސާ ވެސް ކިޔަވާ ކުދިންގެ މުގައްރަރަށް ލައިދިނުމަށް ރީކޯ ވަނީ އެދިލައްވާފަ އެވެ.

"ދޫނިދޫ ޖަލާ، ގިރިފުށީ ޖަލާ، ގާމާދޫ ޖަލުގައި އަޅުގަނޑަށް ލިބުނު އަނިޔާ އަށް ފިލްމެއް ވެސް ހެދޭތޯ މި ބަލަނީ. އެ މާޒީ ފޮހެލައިގެން ނުވާނެ ނޫންތޯ؟" ރީކޯ މޫސަ ވިދާޅުވި އެވެ.

މީގެ ކުރިން ބައެއް ހަފްލާތަކުގައި ވާހަކަ ދައްކަވަމުން ރީކޯ ވަނީ އޭނާއަށް ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ވިދާޅުވެފަ އެވެ..

މި ޓުވީޓަށް ރައްދު ދިން ބައެއް މީހުން ވަނީ ރީކޯ މޫސަ އަށް ވެސް ފާޑު ކިޔާފަ އެވެ.

އެމްޑީޕީން ވަކިވުމަށްފަހު ދާދި ފަހުން އަނެއްކާވެސް އެ ޕާޓީ ރީކޯ މޫސަ ވަނީ ގުޅިފަ އެވެ. އެމްޑީޕީއަށް އަލުން ގުޅުމަށްފަހު ފުރަތަމަ ޕާޓީ އޮފީހަށް ދިޔަ ދުވަހު މޫސަ ރޮނިކޮށް ނަގާފައިވާ ވީޑިއޯއެއްވެސް ވަނީ ސޯސަލް މީޑިއާގައި އާންމުވެފަ އެވެ.