ތީ އިނގިރޭސިވިލާތުގެ ރާނީ ނަމަ ބޭނުން ކޮންމެ ގޮތަކަށް ކަންތައް ކުރުމުގެ ބާރު އޮންނާނެ އެވެ. އަދި ބާގާއެއްގައި ބަނަސް ހުރެގެން ނުވާނެ އޭ ބުނެފިއްޔާ އޭގެ މާނައަކީ ދެން ހުރެގެން ނުވާނެ އެވެ.
ބަކިންހަމް ޕެލަސްގައި 1982 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާއި ހަމަޔަށް ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޑެރެން މެކްގްރޭޑީ މިވަނީ ހައިރާންކުރުވަނިވި ވާހަކައެއް ތިލަކޮށްފަ އެވެ. އޭނާ ބުނާގޮތުން ރާނީ ހިމެނިވަޑައިގަންނަވާހެން ޝާހީ އާއިލާގެ ހުރިހާ ބޭފުޅުންގެ ކެއުމުގެ ވައްޓަފާޅި ހުންނަ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އިންސައިޑާ އަށް މައުލޫމާތު ދެމުން ޑެރެން ބުނެފައިވާ ގޮތުގައި ބާގާ އޭގެ އަސްލު ގޮތުގައި ހުއްޓާ ރާނީ ފަރިއްނުކުޅުއްވާނެ އެވެ.
"އެއީ އަހަރެންވެސް ވަރަށް އަޖައިބުވި ކަމެއް. އެހެން ކަމުން އަހަރެމެން ބާގާ ހަދަނީ އަމިއްލަ އަށް ރާނީ ބޭނުންފުޅުވާ ގޮތަށް" އޭނާ ބުންޏެވެ.
މެކްގްރެޑީ ބުނިގޮތުގައި ހޫނު މޫސުމުުގައި ޝާހީ އާއިލާ ސްކޮޓްލޭންޑްގައި ޗުއްޓީ ހޭދަކުރައްވާއިރު އެ ބޭފުޅުން ފަރިއްކުޅުއްވުމަށް ތައްޔާރުކުރަނީ ވެނީސިއަން ބާގާ އެވެ. އެއަށް ކްރޭންބެރީ އާއި އެހެން މީރު އެއްޗެހި އެޅިޔަސް، އޭގައި އެއްވެސް ވައްތަރެއްގެ ބަނަހެއް ބޭނުމެއް ނުކުރެ އެވެ.
"ބާގާގައި ބަނަހެއް ނުހިމެނޭ. އެ ބޭފުޅުން ބާގާ ފަރިއްކުޅުއްވާނީ ވެސް އުލާ ސަމްސާ ބޭނުންކުރައްވައިގެން،" އޭނާ ބުންޏެވެ.
މްކެގެރޭޑި އިތުރަށް ބުނި ގޮތުގައި މަދުފަހަރަކު ތަނަކުން ބާގާއެއް އޯޑަރުކުރަން ވިޔަސް ރާނީ އެދިވަޑައިގަންނަވާނީ އެއިން ބަނަސްގަނޑު އުނިކުރުމަށެވެ.
މިއީ ކިހިނެތްވާ ކަމެއްކަން އެނގޭ ހެއްޔެވެ؟ ރާނީ އަށް ބަނަސް ނުބައީ ހެއްޔެވެ؟
ނޫނެކެވެ. މީގެ ސަބަބަކީ ރާނީ ތަރުބިއްޔަތުވެ ވަޑައިގެންނެވި ގޮތެވެ. އެގޮތުން ވިކްޓޯރިއަން ތަރުބިއްޔަތުގައި ވާގޮތުން އަތުން ނަގައިގެން ކެވޭނީ އަދި ބޮވޭނީ ވެސް ހަމައެކަނި ހަވީރުގެ ސައެވެ. އެހެން ކަމުން އަތުން ނަގައިގެން ކާން ޖެހޭތީ ބާގާގައި ބަނަސްގަނޑު އުނިކުރަނީ އެވެ. އޭރުން އޭގެ އެތެރޭގައި ހުންނަ އެއްޗެހި އުލާއި ސަމްސަލުން ކާން ފަސޭހަވާނެ އެވެ.