އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިއާތަކަށް ވިދާޅުވީ އެ މައްސަލަ އެ އޮފީހަށް ހުށަހެޅުނުތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.

އެ މައްސަލާގައި އިއްޔެ ވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.

އެ މައްސަލަ ތަހުގީގު ކޮށްފައި ވަނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސީދާ ކޮން މައްސަލައެއް ކަމެއް ތަހުގީގީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ހާޒިރުކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ބައެއް ބޭފުޅުންގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވިތާ އެތަކެއް މަހެއް ފާއިތުވެގެން ދިޔައިރުވެސް ދައުވާ ކޮށްފައެއް ނުވެ އެވެ.

އެ މައްސަލާގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނަށް ވެސް ތުހުމަތު ކުރެވޭއިރު، އެ މެމްބަރުންގެ މައްސަލަތައް ކޮމިޝަނުން ނުބަލާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.