ދޯހާ (29 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އޭގައި މިރޭ ގަތަރު އަތުން 2-0 އިން މޮޅުވެ ގުރޫޕްގެ އެއްވަނައިގައި ގޮތުގައި ނެދަލޭންޑްސް ދެވަނަ ބުރުން ޖާގަ ހޯދިއިރު، އިކުއެޑޯ އަތުން 2-1 އިން މޮޅުވެ ސެނެގާލް ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މިރޭގެ މެޗުގެ ކުރިން ވެސް މުބާރާތުން ކަޓާފައި އޮތް މުބާރާތުގެ ހޯސްޓް ގަތަރު އަތުން ނެދަލޭންޑްސް މިރޭ މޮޅުވީ ފުރަތަމަ ހާފުގައި ކޯޑީ ގަކްޕޯ ޖެހި ލަނޑާއި ދެވަނަ ހާފުގައި ފްރޭންކީ ޑެޔޮންގް ޖެހި ލަނޑުންނެވެ. ގުރޫޕް ސްޓޭޖުގައި ނެދަލޭންޑްސް ކުޅުނު ތިން މެޗުގައި ވެސް ޕީއެސްވީ އައިންދްހޯވަން އަށް ކުޅެމުންދާ ޒުވާން ފޯވަޑް ގަކްޕޯ ވަނީ ލަނޑު ޖަހައިފައެވެ.

މި މެޗުން ބަލިވުމުން، ގަތަރުވެފައިވަނީ ވޯލްޑް ކަޕް މިހާތަނަށް ހޯސްޓްކުރި ގައުމުތަކުގެ ތެރެއިން މުބާރާތުގެ ގުރޫޕް ސްޓޭޖް ސުން ޕޮއިންޓާއެކު ނިންމާލި ފުރަތަމަ ގައުމަށެވެ. ގަތަރު ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.

ކުލިބާލީގެ ލަނޑާއެކު ސެނެގާލް ދެވަނަ ބުރަށް

މި ގުރޫޕްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި އިކުއެޑޯ ރޮއްވާލުމަށް ފަހު ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރީ ކެޕްޓަން ކަލީދޫ ކުލިބާލީ ޖެހި ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ. މިއީ 20 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ސެނެގާލް ސަލާމަތްވި ފުރަތަމަ ފަހަރެވެ.

މި މެޗުން މޮޅުވެގެން ނޫނީ ދެވަނަ ބުރުގެ ޖާގައެއް ސެނެގާލް އަށް ނެތްއިރު، މިރޭގެ މެޗުން ޕޮއިންޓަކާއެކު ވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އިކުއެޑޯ އަށް އޮތެވެ.

ސެނެގާލް އިން ވަރުގަދަކޮށް މެޗު ފަށައި، ފުރަތަމަ ހާފުގެ ކުރިން ލީޑުނެގިއެވެ. ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ އިސްމާއިލް ސާއެވެ.

މެޗުގެ 67 ވަނަ މިނިޓުގައި އިކުއެޑޯގެ މޯސަސް ސަސިއޭޑޯ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މެޗުގެ ސްކޯ އެއްވަރުވުމުން، ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވުނީ ސެނެގާލްއަށެވެ.

އެކަމަކު އިކުއެޑޯ އިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓު ފަހުން، ކުލިބާލީ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ ސެނެގާލް އަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.