ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރު އަމިއްލައަށް މަރުވާ މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ފިލްމު ކްރިޓިކް ކަމާލް އާރް ޚާން (ކޭއާރުކޭ) ކޮށްފި އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނުންނާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ކޭއާރުކޭ ބުނެފައި ވަނީ ކަރަން އަމިއްލައަށް މަރުވާ މަސައްކަތް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމު "ބުރައްމަސްތުރާ" އިން ލިބުނު ބޮޑު ގެއްލުމާ ހެދި ކަމަށެވެ.

މި ފިލްމަކީ އާލިއާ ބަޓް އަދި ރަންބީރު ލީޑްރޯލް ކުޅުނު ފިލްމެކެވެ.

ކޭއާރުކޭ ބުނާގޮތުން ކަރަން ޖޯހަރު މަރުވާން މަސައްކަތް ކުރި އިރު، އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ އެ ފިލްމު ހެދުމަށް ކަރަން ޖޯހަރަށް 300 ކަރޯޑު ރުޕީސް ވަނީ ދީފަ އެވެ. އަދި "ބުރައްމަސްތުރާ" އާ ހެދި ބަނގުރޫޓްވި ވާހަކަ ކަރަން ހާމަނުކޮށްގެން އުޅެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ފެންޓަސީ- އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދިން "ބުރައްމަސްތުރާ" އަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 431 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.

ކަރަން އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ބުނެ ކޭއާރްކޭ ދެއްކި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނާގެ ޓުވީޓަށް ރައްދު ދީފައިވެ އެވެ. މީގެ ކުރިން ވެސް ކަރަންއާ ބެހޭ ގޮތުން ކޭއާރްކޭ ދޮގު ވާހަކަތަކެއް ދައްކާފައިވެ އެވެ.