ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ގާނޫނީ ވަކީލުންގެ ބައްދަލުވުންތައް އަލުން ފެށިފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމު ލީޑްކުރައްވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާގެ ޝަރީއަތަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ދައުވާތަކަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.
މި މަހުގެ ހަ ވަނަ ދުވަހު ވަނީ އެ ދެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފަ އެވެ. ނަމަވެސް ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވޭތީ އަޑުއެހުން ކުރިއަށް ނުގެންދެވި ޖެހުނީ ހުއްޓާލާށެވެ.
ޑރ. ޖަމީލް މިއަދު ވިދާޅުވީ ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.
"މި މަހު 6 ގައި ކޯޓު އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރު ގާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު،" ޑރ. ޖަމީލް ވިދާޅުވިއެވެ.
މިހާތަނަށް ރައީސް ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް ނުދިނީ ކޮވިޑްގެ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ހުށަނާޅާތީ އެވެ. އެމަނިކުފާނުގެ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ އެއީ ހަމައެކަނި އެމަނިކުފާނަށް ކުރިމަތި ކުރައްވާ ޝަރުތެއް ކަމަށެވެ. މިއަދު ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުކުރެއްވުނީ އެފަދަ ޓެސްޓެއް ހުށަހަޅައިގެން ނޫނެވެ.