ކާއެއްޗެހީގައި ޕްލާސްޓިކް ހިމެނޭ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެ އެވެ. ކަމެއް ނެތިއެއްވެސް ނޫނެވެ. ދާދި ފަހުން ޕިލްގްރިމްގެ ޕްރައިމް ޗިކަން ނަގެޓްސްގައި ޕްލާސްޓިކް ހުރެދާނެ ކަމަށްބަލައި ބާޒާރުން ވަނީ އެތަކެތި ނަގާފަ އެވެ. އެހެން ނަމަވެސް އަދިވެސް ބާޒާރުގައި ހުރި ބައެއް ބާވަތްތަކުގެ ކާއެއްޗެހީގައި ޕްލާސްޓިކް ހިމެނޭ ކަމަށް ސައިންވެރިން މިވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ޕްރޮޓީން ޕައުޑަރާއި ބައެއް ކަހަލަ އޯގެނިކް ތަކެތިވެސް ހިމެނެ އެވެ. ވަރަށް ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ބަންދުނުކޮށް ސުޕަމާކެޓްގައި ވިއްކަން ހުންނަ ސީފުޑްގައިވެސް ޕްލާސްޓިކް ހިމެނޭ ކަމަށެވެ.

އެންވާރަމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީގައި ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ކުއެކްސް އިންސްޓިޓިއުޓްގެ ސައިންވެރިން ވަނީ އޮސްޓްރޭލިއާގެ މާރުކޭޓަކުން ވައިލްޑް ބްލޫ ކްރެބް، ޕްރޯންސް، އޮއިސްޓާސް، އަދި ބޯވަދިލަމަހުން މައިކްރޯ ޕްލާސްޓިކް ފެނުނުކަމަށް ބުނެފަ އެވެ. މިޕްލާސްޓިކްގެ ބޮޑު މިނަކީ ގާތްގަނޑަކަށް ފަސް މިލިމީޓަރު ކަމަށް މެޑިކަލް ނިއުސް އިން ރިޕޯޓުކޮށްފައިވެ އެވެ.

އާންމުކޮށް މީހުން ކެއުމަށް ބޭނުންކުރާ އޮއިސްޓާ އާއި ބޯވާދިލަ މަހުގައި0.7 މިލިގްރާމްގެ ޕްލާސްޓިކް ހުރެދާނެ ކަމަށް މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ފްރާންސިސްކާ ރިބެެެއިރޯ ވިދާޅުވި އެވެ. އަދި ސާޑިންސް ނަމަކަށް ކިޔާ މަހުގައި 30 މިލިގްރާމް ހުންނަ ކަމަށް ވެ އެވެ.

14 ފަހަރު އެމަސް ކައިފި މީހަކަށް ހުންނާނީ ގާތްގަނޑަަކަށް ޕްލާސްޓިކް ހޮޅިއަކަށް ވާވަރަށް ޕްލާސްޓިކް ކެވިފަ އެވެ.

މި ދިރާސާ ނިންމާލަމުން ބުނެފައިވާ ގޮތުގައި ސީފުޑްގެ ބާވަތްތައް ބަންދުކުރާއިރު އޭގެއިން މައިކްރޯ ޕްލާސްޓިކް ނު އުފެދޭނެހެން ބެހެއްޓުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

މިއީ މަގުބޫލު ކާތަކެތީގައި ނުރައްކާތެރި ބާވަތްތައް އެކުލެވޭކަމަށް ދިރާސާއަކުން ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ޕެކްޓުގައި ބަންދުކޮށްފައި ހުންނަ ކާނާގައި ޕީއެފްއޭއެސް ނަމަކަަށް ކިޔާ ކެމިކަލެއް އެކުލެވެ އެވެ. އެއީ އެކި އެއްޗެހީ ގްރީސް ކޮށް ވޯޓާ ރެސިސްޓެންތް ކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ.