މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއުރު އެކަމަށް ކުރިމަތިލީ ހަމައެކަނި އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަނިކަމަށް އެ ޕާޓީން ބުނެފި އެވެ.

މްއެންޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު އިއުލާން ކޮށްފައިވަނީ އެ ޕާޓީގެ ފުރަތަމަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު ޕްރައިމަރީއަށް އިއުލާނުކޮށް، އަންނަ އަހަރުގެ ޖެނުއަރީގައި ރިޔާސީ ޕްރައިމަރީ އިންތިހާބު ބޭއްވުމަށެވެ. މިއަދުގެ ނިޔަލަށް ކުރިމަތިލުމަށް އޮތް މުއްދަތުގައި ޕްރައިމަރީއަށް ވާދަކުރައްވާފައިވަނީ ނާޒިމް އެކަންޏެވެ.

އެމްއެންޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.

އެމްއެންޕީއިން ބުނީ އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެޖަލްސާ ބާއްވާނެ ތާރީހެއް އަދި ނުނިންމާ ކަމަށްވެސް އެޕާޓީއިން ބުނެ އެވެ.

އެމްއެންޕީއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުވެރިކަން ގިނަ ޕާޓީތަކަކުން ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން އެމްޑީޕީއާއި، ޕީޕީއެމްއާއި، އެމްއެންޕީއާއި، އެމްޑީއޭއިންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އެގޮތުން ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.