އޭޑީކޭ ހޮސްޕިޓަލް ހިންގަން ދައުލަތުގެ ބޮޑު ބިމެއް ކުއްޔަށް ދީފައި އޮތީ މަހަކު 718،000 އަށް ކަން ހާމަވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލަށް ދީފައި ވަނީ 64،422 އަކަފޫޓޫގެ ބިމެކެވެ. އޭގެ ފަހުން، 2015 ވަނަ އަހަރު 900 އަކަފޫޓުގެ ބައެއް އެ ބިމަށް އިތުރުކޮށްދިން ކަމަށް ވެސް އެ ނޫހުގައި ރިޕޯޓްލޮޮށްފައިވެ އެވެ. ސަރުކާރުން ކުލި ހިނގަމުން އަންނަނީ އަކަފޫޓަކަށް 11 ރުފިޔާގެ ރޭޓުން ކަމަށް ވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.
މިހާ ހެޔޮއަގެއްގައި ހޮސްޕިޓަލް ހިންގަން ދައުލަތުގެ ބިމެއް އެ ހޮސްޕިޓަލަށް ދީފައިވާއިރު، އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އަގުތައް ބޮޑުކުރަން ނިންމީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ނިންމުމާ އެއްގޮތަށް ތަކެތީގެ އަގު އުފުލިފައިވާތީ ކަމަށެވެ.
އެ ހޮސްޕިޓަލުގެ އަގުތައް ތިން މަރުހަލާގެ މައްޗަށް ބަހާލައިގެން ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން މާދަމާއިން ފެށިގެން ޖެނެރަލް ޑޮކްޓަރަކަށް ދެއްކުން 150 ރުފިޔާ އިން 200 ރުފިޔާއަށް ބޮޑުވާނެ އެވެ. ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުން 300 ރުފިޔާ އިން 500 ރުފިޔާއަށް ބޮޑުވާނެ އެވެ. ސުޕަ-ސްޕެޝަލިސްޓަށް ދެއްކުން: 500 ރުފިޔާ އިން 700 ރުފިޔާއަށް ބޮޑުވާނެ އެވެ. އަދި ޑެންޓަލް ޚިދުމަތްތަކުގެ އަގު 300 ރުފިޔާ އިން 350 ރުފިޔާއަށް ބޮޑުވާނެ އެވެ.
އޭޑީކޭ އާއި ސަރުކާރާ ދެމެދު ވެފައިވާ އެގްރިމެންޓްގައި ބުނެފައިވާ ގޮތުގައި، އެ ހޮސްޕިޓަލަށް އަގުތައް ބޮޑުކުރެވޭނީ އެންސްޕާއިން ހުއްދަ ދީފައިވާ އަގުގެ 10 ޕަސެންޓަށް ވުރެ ބޮޑުނުވާނެ ގޮތަށެވެ. ނަމަވެސް އެ އަގުތަކަށް ބަދަލު ގެނައި ގޮތެއް އަދި ސާފެއް ނުވެ އެވެ.
އޭޑީކޭގެ އަގުތަކަށް ބަދަލު ގެނައީ ކިހިނެއްކަން، އެ ހޮސްޕިޓަލުން ވެސް، އަދި ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން ޖަވާބު ނުދިނުމުން އެކަން ވަނީ އޮޅުންފިލާގޮތް ނުވެފަ އެވެ.
އޭޑީކޭ ހޮސްޕިޓަލް ހިންގަން ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ހިންގި ބިން ކުއްޔަށް ދީފައި ހުރީ 50 އަހަރުގެ މުއްދަތަށް، އޮކްޓޫބަރު 2، 1995 އިން ފެށިގެންނެވެ.