ދިވެހިރާއްޖެއަށް ހަންގޭރީ ސަރުކާރުން ދޭ 25 ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ހަންގޭރީ ސަރުކާރުން "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަޝިޕް"ގެ ނަމުގައި މި ސްކޮލަޝިޕް ހުޅުވާލި މިއީ ދެވަނަ ފަހަރެވެ.

އެގައުމުން ވަނީ 2021 ވަނަ އަހަރު ރާއްޖެއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަހަރަކު 15 ސްކޮލަޝިޕެއް ދިނުމަށް ނިންމާފަ އެވެ.

ނަމަވެސް މިދިޔަ އަހަރު އެގައުމުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ސްކޮލަޝިޕްގެ އަދަދު 25 އަށް އިތުރުކޮށްދީފަ އެވެ. 2021 ވަނަ އަހަރު ހުޅުވާލި ސްކޮލަޝިޕްގެ ދަށުން ރާއްޖޭގެ 12 ދަރިވަރަކު މިވަގުތު އެގައުމުގައި ކިޔަވަމުންދެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލާސް ޑިގްރީގެ އަށް ފުރުޞަތަކާއި، މާސްޓާސް ޑިގްރީގެ 14 ފުރުޞަތަކާއި، ޕީއެޗްޑީގެ 3 ފުރުޞަތެކެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވާހަކަދައްކަވަމުން ވިދާޅުވިގޮތުގައި ބޭރު ގައުމަކުން ހުޅުވާލި އެންމެ ބޮޑު އެއް ސްކޮލަޝިޕްގެ ތެރޭގައި ހަންގޭރީން ހުޅުވާލި މި ސްކޮލަރޝިޕް ހިމެނެ އެވެ.

"ހަންގޭރީފަދަ ތަރައްޤީވެފައިވާ ޤައުމެއްގައި ދިވެހިންނަށް ކިޔަވަން ލިބުނު ފުރުޞަތަކީ ހުރިހާ ގޮތަކުންވެސް ފައިދާވާނެ ކަމެއް. މިހާރުގެ ރިސޯސަސްތައް ބޭނުންކޮށް ޒަމާނީ ޢިލްމު ހޯދައިގެން ކިޔަވަން ލިބުމަކީ ވަރަށް މުހިއްމުކަމެއް،" މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި ހަންގޭރީން ހަރަދުކޮށްގެން ދޭ މި ސްކޮލަޝިޕްތަކުގައި ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ ޔުނިވާސިޓީތަކުގަ އެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުން ސްކޮލަރޝިޕް ދޭ ފަރާތް ކަމުގައިވާ ސްޓައިޕެންޑް ހަންގޭރިކަމް އަދި މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން ގެ މައި އެޑިޔު ޕޯޓަލްއަށް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.