ކަކުލުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ދުވަސްވީ މީހުންނަށް ބޭނުން ފަރުވާ ފޯރުކޮށް ދިނުމުގެ ގޮތުން ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު ކެމްޕޭނެއް ފަށައިފި އެވެ.

މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާއާ ގުޅިގެން އިންޑިއާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކްޓަރު ސޯނޫ ސޫދު ވަނީ ޗެރިޓީ ފައުންޑޭޝަނެއް ގާއިމްކޮށްފަ އެވެ.

"ސޫދު ޗެރިޓީ ފައުންޑޭޝަން" ނަމުގައި އުފެއްދި ފައުންޑޭޝަނުން އަންނަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއާއެކު ސޯނޫ ސޫދުގެ މަޝްހޫރުކަން އިތުރުވެގެން ދިޔަ އެވެ.

މިހާރު ސޯނޫ ސޫދު ވަނީ ކަކުލުގެ އެކި ކަހަލަ މައްސަލަތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހާއްސަ ކެމްޕޭނެއް ފަށާފަ އެވެ.

ސޯނޫގެ ފައުންޑޭޝަނުން "ގަދަމް ބަޅާޔޭ ޖާ" ގެ ނަމުގައި މި ކެމްޕޭން ފެށުމަށް ބޭއްވި ހަފުލާގައި އޭނަ ބުނީ 50 އަހަރުން މަތިވާ ފަހުން ދެ ޖިންސްގެ ގިނަ ބަޔަކަށް ކަކުލުގެ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް ބޭނުންވާ ފަރުވާ ހޯދަން ކޮންމެ ކޮންމެ މީހަކަށް ފުރުސަތު ނުލިބޭ ކަމަށާއި މާލީ ފުދުންތެރިކަން ހުންނަ ގޮތަށް އެފަދަ ފަރުވާތަކުން ގިނަ ބަޔަކު މަހުރޫމްވާ ކަމަށް ވެސް ސޯނޫ ބުންޏެވެ.

އެގޮތުން މިހާރު ނިންމާފައި އޮތީ ކަކުލުހުޅު ބަދަލުކުރަން ނުވަތަ ޓޯޓަލް ނީ ރިޕްލޭސްމަންޓް ސާޖަރީސް (ޓީކޭއާރްއެސް) ފަދަ ފަރުވާތައް ބޭނުންވާ މީހުންގެ ފަރުވާ އެއްކޮށް ހިލޭ ފޯރުކޮށް ދިނުމަށެވެ. އެގޮތުން މިފަދަ ހުރިހާ އޮޕަރޭޝަނެއް އެކަމަށް ހާއްސަ އިންޑިއާގެ ހޮސްޕިޓަލްތަކުން ކުރެވޭނެ މަގު ފަހިކޮށް ދީފައިވެ އެވެ.

https://www.facebook.com/ActorSonuSood/posts/727469878746701

އޭނަ ބުނި ގޮތުގައި އަލަށް ފޯރުކޮށް ދޭން ނިންމި އެހީގެ ސަބަބުން ގިނަ ބަޔަކަށް އާންމު ދިރިއުޅުމަށް އަލުން ރުޖޫއަވޭނެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ސޯނޫއަކީ ފިލްމު ކުޅެގެން ނުލިބޭވަރުގެ ތަރުހީބަކާއި ލޯތްބެއް ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު 2020 އިން ފެށިގެން އާންމުންނަށްވުމުގެ މަސައްކަތުން ހޯދާފައިވާ މީހެކެވެ. އޭނަ އިންސާނިއްޔަތަށްޓަކައި ފެށި އެ މަސައްކަތުގެ ސަބަބުން އިންޑިއާގެ ގިނަ މީހުން ސޯނޫ ސިފަކުރަނީ ނަމޫނާ ބަތަލެއްގެ ގޮތުގަ އެވެ.

އުމުރުން 49 އަހަރުގެ ސޯނޫ އަކީ ބޮލީވުޑްގެ އިތުރިން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އެކްޓަރެކެވެ.