ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 12 މަސް ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް އަޔަސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ޔާމީނަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މާދަނާ ހެނދުނަށް ވަނީ ތާވަލްކޮށްފަ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ސުވާލު އުފެދިފައި ވަނިކޮށް އިދިކޮޅު މެމްބަރު ތޯރިގު ވިދާޅުވީ އެމަނިކުފާނަށް 2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ.

ބާރަ މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އެމަނިކުފާނަށް އަތުވެއްޖެ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާއި ހަމައަށް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިލާފު އުފެދިއްޖެ ނަމަ، ގޮތް ނިންމުމުގެ ބާރު ވެސް އޮންނާނީ ހަމައެކަނި ސްޕްރީމް ކޯޓަށެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޔާމީން ޖަލަށްލާން ހުކުމް ކުރަން ސަރުކާރުން އުޅޭ ކަމަށް ޕީޕީއެމްގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ.