ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިއަށް އަޑިއަށް ގޮސް އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މި އުޅަނދު އަޑިއަށް ދިޔަ އިރު އޭގައި ޖުމްލަ 10 މީހުން ދަތުރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އުޅަނދުގައި ތިބި މީހުންގެ ތެރެއިން 8 މީހަކު މިހާތަނަށް ވަނީ ސަލާމަތްކުރެވިފަ އެވެ. ނަމަވެސް، ގެއްލިގެން ހޯދަމުންދާ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ސަލާމަތީ ހިދުމަތްތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ އިތުރުން މިއަދު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށު ބޭރު ތޮށްޓަށް އުރި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ޑޮމެސްޓިކް ފްލައިޓްތަކާއި އަތޮޅުތެރޭގެ ލޯންޗު ދަތުރުތައްވެސް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. އެ މުއައްސަސާއިން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުމާލެއާއި ބ. ދަރަވަންދޫއަށް ކަމަށްވާއިރު، އެ ދެ ރަށަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހިފައިވަނީ ލ. ކައްދޫއަށް ގަޑިއަކު 46 މޭލުގެ ބާރުމިނުގަ އެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވަމުންދާތީ، ކަނޑު ދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ހާޒިރުވެގެން އިމްތިހާނު ހަދާ އުސޫލަށް އަމަލުކުރުން ފަސްކޮށްފި
ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތައް ނުނިމޭތީ
