ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންފަދަ ގޮތަކަށް ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތެއް ނުދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ ޔާމީން ވަނީ 11 އަހަރަށް ޖަލަށްލައިފަ އެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ އެފަދަ ދެވަނަ އެހެން ދައުވާތަކެއްގެ އަޑުއެހުން މިހާރު ވަނީ ޖެނުއަރީ މަހުގެ ކުރީކޮޅަށް ތާވަލްކޮށްފަ އެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު ޕީޕީއެމުން ބޭއްވި އިހްތިޖާޖުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ދޫދޭގޮތަކަށް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި އޮންނަން ރައްޔިތުން ނޭދޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަންޒަރު މާ ރީއްޗަށް ފެންނަ ކަމާއި ރައީސް ޔާމީނަށް އޮތް ތާއީދު އިންޑިއާއަށް އެނގޭ. އެހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދޭންވެގެން ޖަލަށް ލާފައި އެ އޮތީ. ދިވެހި ރައްޔިތުން ބުނަނީ އެމަނިކުފާނުގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ،" އަދުރޭ ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި މިއަދު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

އިންސާފު ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން ޔާމީނަށް ކުރަނީ އަނިޔާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ޔާމީނަށް ކޮށްފައި ވަނީ ހަރާން ހުކުމެއް ކަމަށާއި އެކަމަށް މައާފެއް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް ޔާމީން މިނިވަންވެގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.