އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް "އުންމީދާއެކު" ނަމުގައި ކޮންފަރެންސް އެއް ބާއްވަން އެ ކޯލިޝަނުން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް އެމަނިކުފާނުގެ ކެމްޕޭން ބާރަށް ކުރިޔަށް ގެންދަން އެޕާޓީން ނިންމާފައިވާ ކަމަށެވެ.

"ރައީސް [ޔާމީން]ގެ އިންސްޓްރަކްޝަން ލިބުމާއެކީ އަޅުގަނޑުމެން މި ފެށީ [ކެމްޕޭން]." ޝުޖާއު ވިދާޅުވި އެވެ.

އެގޮތުން މިމަހުގެ 19ވަނަ ދުވަހާއި 20ވަނަ ދުވަހު، އެމަނިކުފާނުގެ ކެމްޕޭނާ ގުޅޭ ހާއްސަ ކޮންފަރެންސެއް "އުއްމީދާއެކު" މިނަމުގައި މާލޭގައި ބޭއްވުމަށް އެޕާޓީން ވަނީ ނިންމައިފައެވެ. މިގޮތުން އެ ކޮންފަރެންސުގައި ޕާޓީގައި ހުރިހާ ގުނަވަނެއްގެ މެންބަރުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސެނެޓަރުންނާއި ދާއިރާ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކާއި ޒުވާނުންނާއި އަންހެނުންގެ ރައީސުން ބައިވެރިވާނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނުގެ ކެންޑިޑެންސީއާމެދު ސުވާލު އުފެދިފައި ވަނިކޮށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީންކަން ކަށަވަރުކޮށްދެއްވާފަ އެވެ."ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު. އަދިވެސް އެކަން އޮތީ ހަމަ އެގޮތަށް. އެކަން އޮޅިވަޑައިގެން އުޅުއްވާ ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ވަރަށް ސާފުކޮށް ދަންނަވަން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ކޮންފަރެންސްގައި އެޕާޓީގެ ދާއިރާތަކުގެ މެންބަރުންނަށް ތަމްރީނު ދޭނެ ކަމަށެވެ. އަދި، އެ ކޮންފަރެންސުން "ވައްކަން ނުކުރެވޭ" ވަރަށް ޕީޕީއެމްގެ މެންބަރުން ތަމުރީނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.