އައްޑޫ ސިޓީ، ފޭދޫގައި ޒަމާނީ ފެންވަރުގެ ސްކޫލެއް އަޅަން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެ ރަށުގައި އާ ސްކޫލެއް އަޅަން ބޭނުންވާ ކަމަށް މީގެކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުން އެދުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ އަޑު އަހައި މި އަހަރުގެ ބަޖެޓްގައި އެކަން އެމަނިކުފާނު ހިމަނުއްވައިދެއްވި ކަމަށެވެ. އަދި އެ ސްކޫލަކީ ޒަމާނީ ފެންވަރަށް މިހާރުގެ ބޭނުންތަކާ އެއްގޮތަށް ފަރުމާ ކުރާނެ ސްކޫލަކަށް ވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަނީ މި ހިތްގައިމު މަދަރުސާގެ ބިންގާ ހެޔޮ މިންވަރެއްގައި ވަރަށް އަވަހަށް ނިމިގެންދާނެކަމަށް. އަދި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކޫލުގެ މަސައްކަތް ކުރާނެ ބިމުގެ ރަޖިސްޓްރީ މިރޭ ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ މުޖުތަމައުއަށް ހެޔޮ ބަދަލެއް ގެނެވޭނީ މަދަރުސާގެ ތެރެއިން ކަމަށެވެ. އެހެން ނޫންނަމަ ކުށުގެ ވެށީގައި އުޅޭ ޒުވާނުން އެރަށުން ވެސް ފެންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.