އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަނީ ތަފާތު ބޮޑުކޮށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރާނެ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ކައްދޫ އެއާޕޯޓަށް މިރޭ އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދަންނަވަން ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ މިސްރާބުގައި ކުރިއަށްދާން ބޭނުންވާކަން މިހާތަނަށް ވަޑައިގަތް ހުރިހާ ރަށަކުން ވެސް އެނގޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލ. ގަމާއި ފޮނަދޫގެ މަންޒަރު ވެސް ވަރަށް ސާފު ކަމަށާއި ހއ. ހދ. ށ. ނ. ރ. ބ. ޅ. އަތޮޅުން ވެސް ފެންނަނީ ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރާ ތަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީ ނޫން ޕާޓީތަކުގެ ވޯޓަކީ ވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މުހިންމު އެއްޗެއް ކަމަށް މިރޭ ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ލިސްޓުން އުނިކުރި މެންބަރުންނާއެކީގައި ގުނި ކަމުގައި ވިޔަސް އެވަރަކުންނެއް ލިބޭކަށް ނެތް. އަޅުގަނޑުމެން ބޭނުންވޭ އިތުރު ބައެއްގެ ވޯޓު. ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ ވޯޓާ ނުލައެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް އެއީ ނެތް ގޮތެއް،" ރައީސް ވިދާޅުވި އެވެ.

ލ. އަތޮޅުގައި ކުރަން ސަރުކާރުން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.