ސޯނަމް ކަޕޫރަކީ ފެޝަންގެ ދާއިރާގައި އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރިއެއް ކަމަށް ވިޔަސް އޭނާގެ ކެރިއާ މާއުޖާލައެއް ނޫނެވެ.

ސޯނަމް ބޮލީވުޑަށް ތައާރަފުވީ ސަންޖޭ ލީލަ ބަންސާލީގެ ފިލްމު "ސަވަރިޔަ" އިންނެވެ. އެ ފިލްމު ވެގެން ދިޔައީ ސަންޖޭ ލިލަ ބަންސާލީގެ ކެރިއަރުގައި އުފެއްދުނު އެންމެ ފްލޮޕް ފިލްމެވެ.

އެ ފިލްމަސް ފަހު "ދިއްލީ 6، "އައިޝާ" ފަދަ ފިލްމު ތަކުން ސޯނަމް ފެނިގެން ދިޔަ އެވެ. މި ފިލްމުތަކަށް ވެސް ބޮކްސް އޮފީހުގައި މަބޮޑު ކަމިޔާބީއެއް ލިބިފަ އެއް ނުވެ އެވެ.

ސޯނަލްގެ ކެރިއަރަށް އެރި އައު އިރަކީ "ނީރްޖާ" ފިލްމެވެ. އެ ފިލްމަށް ފަހު އޭނާގެ ކެރިއަރު ދަށަށް ނުގޮސް އެއްވަރެއްގައި ހިފަހައްޓާލައިފި އެވެ.

ދާދި ފަހުން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ވަނީ އެނާގެ ބޮލީވުޑް ދަތުރުގެ ކުރިން ނޭނގޭ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

"އަހަރެން މި ދާއިރާއަށް ނުކުތްއިރު އެންމެން ވެސް ބުނީ އަހަރެންގެ އަތުގައި ރިހި ސަމްސާއެއް އޮތް ކަމަށް. އެމީހުންނަށް ނޭނގޭ ކަމަކީ އަހަރެން ސަވަރިޔަ (2007) ދިއްލީ 6 (2009) އަދި އަހަރެން ކުޅުނު ހުރިހާ ފިލްމަކަށް ވެސް އޮޑިޝަން ދިނިން،" ސޯނަމް ބުންޏެވެ.

"އަހަރެން އައިޝާ (2010) އުފެއްދުމަށް ކިހާ މަސައްކަތެއް ކުރިކަން އެނގޭތަ؟ ކޫބްސޫރަތް އުފައްދަން ކިހާ މަސައްކަތެއް ކުރިކަން އެނގޭތަ؟ އެ ފިލްމަށް ކޫބްސޫރަތް ކިޔާތީ އެއްވެސް ފިރިހެން ތަރިއަކު އެ ފިލްމު ކުޅޭކަށް ބޭނުމެއް ނުވި. އަހަރެމެންނަށް ޖެހުނީ ޕާކިސްތާނުން ފަވާދް ހާން ގެންނަން. އެ ފިލްމުން ފަވާދް ބޮޑު ސްޓާރަކަށް ވި."