އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފެއްދި ދިވެހި ފިލްމު ''ލޯބިވެވިއްޖެ'' ގެ އޮފިޝަލް ޕޯސްޓަރާއި ޓްރެއިލަރު މިއަދު ނެރެފި އެވެ.

ސޮލައިޓް ރެސްޓޯރަންޓުގައި މިއަދު ހަވީރު މިކަމަށް ހާއްސަކޮށް ބޭއްވި އިވެންޓެއްގައި ފިލްމުގެ ޓްރެއިލަރު ރިލީޒްކޮށްފައިވާއިރު ޓްރެއިލާ ލޯންޗުކޮށްދެއްވީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އެވެ. މި ހަފްލާގައި ފިލްމުގެ ލީޑު ކާސްޓުންނާއި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ފަރާތްތައް ބައިވެރިވެފައިވެ އެވެ.

މިއީ ތިން އަހަރުގެ މެދުކެނޑުމަށް ފަހު އަލުން އޮލިމްޕަހުގައި އަޅުވާ ދެވަނަ ފިލްމަށްވާއިރު، މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ މެއި މަހުގެ ތިންވަނަ ދުވަހުގަ އެވެ.

މި ފިލްމު ޝޫޓްކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގަ އެވެ. ނަމަވެސް ފިލްމުގެ މަންޒަރުތައް ތިނަދޫގެ އިތުރުން މާލެ ސިޓީއާ ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާއިންވެސް ފެނިގެންދެ އެވެ.

ފިލްމުގެ ކާސްޓަށް ބަލާއިރު، މި ފިލްމުން ލީޑު ރޯލުން މަޝްހޫރު ތަރިންކަމުގައިވާ ފިލްމްގެ ޑައިރެކްޓަރު އަލީ ސީޒަން އާއި މަރިޔަމް އައްޒަގެ އިތުރުން އާމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) ފެނިގެންދާނެ އެވެ. ހަމައެހެންމެ އަލީ އާޒިމް (ދޮން އައްޔަ)، އާއި އަބްދުﷲ ޝާފިއު (ފުބޫ) އާއި އަހުމަދު ނިމާލްގެ އިތުރުން އާމިނަތު ނިޝާ (ނިޝްކޮ) އަދި އިރުފާނާ އިބްރާހީމް (އެރޫ) ވެސް މިފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމުގައި ޖުމްލަ އަށް ލަވަ ހިމެނޭއިރު، ލަވަތައް ކިޔައިދީފައިވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ލަވަކިޔުންތެރިންނެވެ. އަދި އެ ހުރިހާ ލަވައެއްވެސް އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑަށް އަޕްލޯޑުކޮށްފައިވެ އެވެ.