މުދަލު ޒަކާތުގެ ނިސޯބު 5777.45 ރުފިޔާ އިން 7062.50 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި މީގެ ކުރިން 5777.45 ރުފިޔާ މީގެ ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 7062.65 ރުފިޔާ ކަމުގައި ކަނޑައަޅައިފަ އެވެ.

"މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީ ހިނދު އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ ވަރަށް ފައިސާ ހުރެ އެ ފައިސާ ހުންނަތާ ހިޖުރީ އެއް އަހަރުވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި ނެރުމަށް ނަސޭހަތްތެރި ވަމެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ދަނީ ބަދަލު ގެންނަމުންނެވެ.

ނިސޯބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.