މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމި ގޯތީގެ އަދަދު އިތުރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. އަދި ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ހުށަހެޅި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ. ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމަށް ހުޅުވާލުމަށް ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންތައް މިހާރު އަންނަނީ ޕްރޮސެސް ކުރަމުން ކަމަށެވެ. މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ އަހަރު މިމަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގާ އަޅުގަނޑު ދެންނެވި ވާހަކައެއް ވޭ. އެ ދުވަހު ދެންނެވި ގޮތަށް އެމަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގާ އެއްވެސް ކަސިޔާރު ކަމެއް ނެތް. ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ. އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށެވެ. އަދި ހުސްވި ޖެނުއަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށެވެ. އޭގެ 55 އިންސައްތަ ލޯނު މިހާރު ވަނީ އެޕްރޫވް ކުރެވިފައި ކަމަށާއި 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަތޮޅުތެރޭގާ އިމާރާތް ކުރެވޭ ހައުސިން ޔުނިޓްތަކުން 556 ހައުސިން ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ. އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގާ އެ ދަނީ ހިނގަމުން،" ރައީސް ވިދާޅުވި އެވެ.