އިދިކޮޅު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅަން ފެށުމުން ރިޔާސީ ބަޔާން އިއްވުން މެދުކަނޑާލައިފި އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅަން އިސްކޮށް ހުންނެވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އަދި އޭނާއާއެކު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާ އިތުރު މެމްބަރުން ވެސް ރައީސްގެ ޕޯޑިއަމް ކައިރީގައި ހުއްޓިގެން ތިއްބެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސީ ބަޔާން އިއްވުން މެދުކަނޑާލައި، ގޮނޑިކޮޅުގައި ރައީސް އިށީންނެވި އެވެ.
ރައީސްގެ ރިޔާސީ ބަޔާނަށް ހުރަސް އަޅައި މެމްބަރު ޝިޔާމް އާއި މެމްބަރު ސައީދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އަދި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން އަބްދުއްލަތީފު އަޑުގަދަކުރަން ފެށުމުން ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވި އެވެ.
މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން މަޖިލިސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
އިދިކޮޅުންދަނީ މަޖިލިސް ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 8 މީހުން މި އިހްތިޖާޖުގެ ތެރެއިން ވަނީ ހައްޔަރު ކޮށްފަ އެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަކުރިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހަށް ހާޒިރެއް ނުވެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނެ އެވެ.