ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ނަން އިއްވައި މަޖިލީހުން ނެރެފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަން އިއްވައި ބޭރުކޮށްފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

މި ދެ މެމްބަރުންގެ ނަން އިއްވީ، މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

އެގޮތުން ދެ މެމްބަރުންގެ ނަން އިއްވައި މަޖިލީހުން ބޭރުކުރެއްވީ، މަޖިލޫހުގެ ރިޔާސަތުގައި އަފީފް އިންނަވައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާތީ އެކަމާއި ދެކޮޅު ހައްދަވައި، ރިޔާސަތުގެ އެންގުން ތަކަށް ތަބައަ ނުވުމުންނެވެ.

އެ ދެ މެމްބަރުންނަށް ނަން އިއްވެވުމުން ދެ މެމްބަރުންވެސް ވަނި ސުލްހަވެރިކަމާ އެކު މަޖިލިސް ދޫކުރައްވައި ވަޑައިގެންފަ އެވެ.

އެމްޑީޕީގައި ރައީސް މުހައްމަދު ނަޝީދާ އެކު މެންބަރު ހަސަން އަފީފް މަސައްކަތް ކުރައްވާއިރު، ރައީސް ނަޝީދު ވަނީ އެތައް ފަހަރެއްގެ މަތިން އޭނާއަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އެ ވެރިކަން ނިމިގެން ދިޔައިރު ހޯމް މިނިސްޓަރަކަށް ހުންނެވީ ހަސަން އަފީފްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ މަގާމު އަދާ ނުކުރެވުނު މީހަކަށް ތަފާތު ހިޔާލުތަކާއި ފިކުރުތައް އޮތް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. ވީމާ މަޖިލީހުގެ ރިޔާސަތު ދޫކުރެއްވުމަށް ރައީސް ނަޝީދު އަފީފަށް ގޮވާލައްވާފައިވެ އެވެ.